Ads by Stelco

ޚަބަރު

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އަދަދު %64 އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އަދަދު %64 އިތުރުވެއްޖެ

މިފްކޯއިން މަސް އެކްސްޕޯޓް ކުރަން ތައްޔާރުކުރާ ފެކްޓްރީގެ މަސައްކަތްތައް ފޮޓޯ:އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2025، 02:47

03 ޖޫން 2025، 02:47

މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 64.7 އިންސައްތަ އިތުރުވެފައެވެ. މިކަން ހާމަވެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުންނެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 31,000 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 19,000 މެޓްރިކް ޓަނާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.
ފިނިކުރި އަދި ތާޒާ ކަނޑުމަހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 28,000 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 15,000 މެޓްރިކް ޓަނާ އަޅާބަލާއިރު 78 އިންސައްތައިގެ އިތުރުވުމެކެވެ.
އެހެންނަމަވެސް، ދަޅުގައި ބަންދުކުރި މަހުގެ އެކްސްޕޯޓް ވަނީ ދަށްވެފައެވެ. މިއަހަރުގެ މި މުއްދަތުގައި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކޮށްފައިވަނީ 2,127 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 2,556 މެޓްރިކް ޓަނުގައެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން، މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މީގެ ތެރޭގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީގައި ހުޅުމާލޭގައި މަސް ބަންދުކުރާ ކާރުޚާނާއެއް އެޅުމަށް މިފްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ. މި މ މަޝްރޫއަށް 65 މިލިއަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވާފައިވާއިރު، މިއީ ދުވާލަކު 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ފެސިލިޓީއެކެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS