Ads by Stelco

ޚަބަރު

ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީ ހުޅުވައިފި

ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީ ހުޅުވައިފި

ވަޒީރު ޑރ. މަރިޔަމް މާރިޔާ އަދި އޮސްޓްރޭލިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ދިފާޢީ ވަޒީރު ރިޗާޑް މާލްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2025، 07:48

02 ޖޫން 2025، 07:48

އޮސްޓްރޭލިޔާގެ އެމްބަސީއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ. މި އެމްބަސީ ޤާއިމުކޮށްފައިވަނީ ހޮޓެލް ޖެންގައެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މާރިޔާ ވިދާޅުވީ އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު އޮތީ އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ ތާރީޚީ ގުޅުމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީއެއް ޤާއިމުވުމަކީ މި ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ބަދަހިވަމުންދޭ. މެރިޓައިމް ސެކިޔުރިޓީއާއި ތަޢުލީމާއި ޞިއްހީ ދާއިރާއިން އޮސްޓްރޭލިޔާއިން ދަނީ ރާއްޖެއަށް ގިނަ އެހީތަކެއްވަމުން." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އޮސްޓްރޭލިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ދިފާޢީ ވަޒީރު ރިޗާޑް މާލްސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އެމްބަސީއެއް ޤާއިމުވުމަކީ އޮސްޓްރޭލިޔާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އުޅަނދެއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ވިދާޅުވީ މިހާތަނަށް 700 އަށްވުރެ ގިނަ ދިވެހިން އޮސްޓްރޭލިޔާއިން ތަމްރީންވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރީ 1974 ވަނަ އަހަރުއެވެ. މި ގުޅުމަށް މިހާރު މިވަނީ 50 އަށްވުރެ ގިނަ އަހަރުވެފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS