ކުޅިވަރު
ޤައުމީ ސްކޮޑަށް ނެގި އައު ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ފަށައިފި

ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ---
އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރާ ދެކޮޅަށާއި އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އާއި ތަޖިކިސްތާނާ ދެކޮޅަށް ދިވެހިރާއްޖެ ކުޅޭ މެޗަށް އެކުލަވާލި ސްކޮޑާއެކު ފަރިތަކުރުންތައް ފަށައިފިއެވެ.
ސްކޮޑު އެކުލަވާލިއިރު އައު ތިން ކުޅުންތެރިން ވެސް ހިމެނުނެވެ. އެއީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒާއި އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމާއި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ.
އަލަށް އެކުލަވާލި ޤައުމީ ސްކޮޑުން ބާކީވީ ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)އާއި ޑިފެންޑަރު މުޙައްމަދު ނިޒާމްއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މިހާތަނަށް ރާއްޖެ ވަނީ އެއް މެޗު ކުޅެފައެވެ. ފިލިޕީންސްއާ ދެކޮޅަށް މާޗު މަހު ކުޅުނު އެ މެޗު ރާއްޖެއަށް ގެއްލުނީ 4-1 އިންނެވެ.
ކޮލިފައިންގެ ދެވަނަ މެޗު އޮތީ ޓީމޯ ލެސްޓޭއާ ދެކޮޅަށް މި މަހުގެ 10 ވަނަ ދުވަހެވެ. އެ މެޗު ކުޅެން ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގައެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗު އޮންނާނީ އޮކްޓޫބަރު މަހު 9ގައި، އެ ޤައުމުގައެވެ. އަދި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗު އޮންނާނީ އޮކްޓޫބަރު 14 ގައެވެ.
އަލަށް ނެގި ސްކޮޑާއެކު ރަގަޅު ކާމިޔާބީއެއް ހޯދޭނެކަމަށް ގިނަ ކުޅުންތެރިން ތިބީ އުއްމީދުގައެވެ.