ކުޅިވަރު
ފައިނަލުގެ ރެކޯޑަކާއެކު ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ޕީއެސްޖީގެ ކޯޗު ލުއިޒް އެންރީކޭ ---
ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތުގެ ފައިނަލެއްގައި އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑު ހެދުމަށްފަހު، ފްރާންސްގެ ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އިން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.
ޖަރުމަނުގެ ވެރިރަށް މިއުނިކުގައި ކުޅުނު ފައިނަލް މެޗުގައި ޕީއެސްޖީއިން ވަނީ 5-0 އިން އިޓަލީގެ އިންޓަރ މިލާން ބަލިކުރުމަށްފަހު އެ ޓީމު ލަދުގަންނަވާލާފައެވެ.
ޤަތަރު ސްޕޯޓްސް އިންވެސްޓްމެންޓުން 2011 ގައި ޕީއެސްޖީ ގަތްފަހުން، ދުނިޔޭގެ އެންމެ ފުންނާބު އުސް ކުޅުންތެރިން ގެނަސް، މި ތަށި އުފުލާލުމަށް އެ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ލިއޮނެލް މެސީ، ކީލިއަން އެމްބައްޕޭ އަދި ނޭމަރ ޖޫނިއަރ ފަދަ ކުޅުންތެރިންނާއެކު އެ ޓީމަށް ހާސިލްނުވިކަންތައް، އޮސްމަން ޑެމްބެލޭ، މާކީނޯސް، އަޝްރަފް ހަކީމީ އަދި ޖިއާންލޫޖީ ޑޮނަރުއްމާ ފަދަ ކުޅުންތެރިނާއެކު ޕީއެސްޖީއިން މިވަނީ އެންމެ ފަހުން ކްލަބުގެ ތާރީޙު ބަދަލުކޮށްފައެވެ.
ޕީއެސްޖީގެ މާޒީގައި މިހާތަނަށް އައި އެންމެ ތާރީޙީ ރޭގެ ވަގުތުތައް މިހާރު ގުނަން ފަށާފައިވާއިރު، މިއީ 1993 ވަނަ އަހަރު އޮލިމްޕިކް މާސޭ މި މުބާރާތް ކާމިޔާބުކުރި ފަހުން ފްރާންސްއަށް ނިސްބަތްވާ ކްލަބަކަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
މިރޭ ކުޅުނު މެޗުގައި ޕީއެސްޖީއިން ލީޑު ނެގީ މެޗުގެ 12 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އޭގެ 8 މިނެޓު ފަހުން އެ ޓީމުގެ ޑިޒަޔަރ ޑޮއު ވަނީ ލީޑު ފުޅާކޮށްދީފައެވެ.
ފަހު ހާފުގައި ޕީއެސްޖީއިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ވެސް ކާމިޔާބުކުރީ ޑޮއުއެވެ. އެއީ މެޗުގެ 63 ވަނަ މިނެޓުގައެވެ. އަދި ވިޗާ ވަރަޝޭލިއާ އާއި ސެނީ މަޔޫލޫ ވަނީ އިތުރު ދެ ގޯލެއް ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން، މަޔޫލޫ ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭގެ ދެ މިނެޓު ކުރިން ކުޅެން ނިކުތުމަށްފަހުއެވެ.