ކުޅިވަރު
ޔޫއެފާގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ކުލަބަކަށް ޗެލްސީ

ޔޫއެފާ ކޮންފަރެންސް ލީގުގެ ތަށި ޗެލްސީއިން އުފުލާލުން، ފޮޓޯ: ގެޓީ އިމޭޖަސް
ޔޫރަޕްގެ ތިން ވަނަ ދަރަޖައިގެ ޓީމުތަކުގެ މެދުގައި ކުޅޭ އޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށް، ޔޫއެފާގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ކުލަބަކަށް އިނގިރޭސިވިލާތުގެ ޗެލްސީ ވެއްޖެއެވެ.
މީގެ ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫއެފާ ޔޫރޮޕާ ލީގުގެ އިތުރުން، ޔޫއެފާ ސުޕަރ ކަޕް އަދި ކަޕް ވިނާސް ކަޕް ވެސް ކާމިޔާބުކޮށްފައިވާ ޗެލްސީއިން ސްޕެއިންގެ ރެއާލް ބެޓިސްއާ ދެކޮޅަށް ރޭ ކުޅުނު ފައިނަލް މެޗު ކާމިޔާބުކުރީ 4-1 އިންނެވެ.
ޕޮލަންޑުގެ ޓަރޒިންސްކީ އެރީނާ ރޮކްލޯގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ ބެޓިސްއިންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރ އަދި ކެޕްޓަން އިސްކޯ ދިން ޕާހަކުން މި ގޯލު ކާމިޔާބުކުރީ މޮރޮކޯއަށް ނިސްބަތްވާ އަބްދެ އެޒަލްޒޫލީއެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީއިން ވަނީ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން ރީސް ޖޭމްސް، ޖޭޑަން ސަންޗޯ އަދި ލެވީ ކޮލްވިލް ވަނީ ކުޅެން ނެރެފައެވެ. ނަތީޖާއަކަށްވީ ޗެލްސީއިން ފަހު ހާފުގައި މެޗުގެ ނަތީޖާ އަނބުރާލުމެވެ.
ޗެލްސީގެ ފުރަތަމަ ގޯލު 65 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކުރިއިރު، އޭގެ 5 މިނެޓު ފަހުން ނިކޮލަސް ޖެކްސަން ވަނީ އެ ޓީމަށް ލީޑުނަގާދީފައެވެ. މި ދެ ގޯލަށް ވެސް އެސިސްޓުކޮށްދިނީ ކޯލް ޕާމާރއެވެ.
ޗެލްސީއިން ލީޑު ފުޅާ ކުރީ މެޗުގެ 83 ވަނަ މިނެޓުގައި ސަންޗޯ ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އެ ޓީމުގެ ފަހު ގޯލު އިތުރު ވަގުތުގައި ކާމިޔާބުކުރި މޮއިސެސް ކެއިސީޑޯއެވެ.
ރެއާލް ބެޓިސް އަތުން ޗެލްސީ މި މެޗުގައި މޮޅުވެފައިވާއިރު މިއީ 2002 ވަނަ އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލެއްގައި ސްޕެއިންގެ ޓީމެއް އަތުން އެހެން ގައުމެއްގެ ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ މުބާރާތްތަކުގެ ފައިނަލުގައި މީގެ ކުރިން ސްޕެއިންގެ ޓީމުތައް ކުޅުނު 27 މެޗުން ސްޕެއިންގެ ޓީމުތައް ވަނީ މޮޅުވެފައެވެ.