ކުޅިވަރު

ފަސޭހަކަމާއެކު މާޒިޔާއިން އެފްއޭއެމް ލީގު ކަޕް ކާމިޔާބުކޮށްފި

ފަސޭހަކަމާއެކު މާޒިޔާއިން އެފްއޭއެމް ލީގު ކަޕް ކާމިޔާބުކޮށްފި

އެފްއޭއެމް ލީގު ކަޕްގެ ތަށި މާޒިޔައިން އުފުލާލުން، ފޮޓޯ: ޕީއެސްއެމް

29 މޭ 2025، 06:34

ފުޓުބޯޅަ ސީޒަން ފަސްކުރަން ޖެހުމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބޭއްވި އެފްއޭއެމް ލީގު ކަޕު ފަސޭހަކަމާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލު މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާއިން ކުރި ހޯދީ 4-0 އިންނެވެ. މިއާއެކު، މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަށި ނޫން ޓާގެޓެއް މާޒިޔާގެ ނެތް ކަމަށް ބުނި އެ ޓީމުގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) މުޅި ޓީމަށްކުރާ އިތުބާރާއި، ޓީމުގެ ކުޅުންތެރިން އޭނާއަށްކުރާ އިޙްތިރާމް ހަޤީޤަތުގައި ވެސް ހާމަވެގެން ހިނގައްޖެއެވެ.

ރެފްރީގެ ކަށިގަނޑާއެކު ޓީމު ކުރިޔަށް ޖައްސައިގެން އެޓޭކިން ފުޓުބޯޅައެއް ކުޅެންފެށި މާޒިޔާއިން ވަނީ މެޗުގެ ފަސްވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އެ ޓީމުން ލީޑު ނެގީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި އިބްރާޙިމް އައިސަމް ކާމިޔާބުކުރި ގޯލަކުންނެވެ.

އޮޑިއަށް ރަގަޅު އެޓޭކެއް ނުކުރެވި އުޅެނިކޮށް މާޒިޔާއިން ވަނީ ފުރަތަމަ ހާފުގައި އެ ޓީމުގެ ލީޑު އިތުރުކޮށްފައެވެ. އައިހަމް އަހުމަދު (ފަތޯ)ގެ އެސިސްޓަކުން މި ގޯލު ކާމިޔާބުކޮށްދިނީ  ހަސަން ރާއިފް އަހުމަދު (ހަންނަ)އެވެ.

މާޒިޔާގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އުމުރުން 16 އަހަރުގެ މުޙައްމަދު އިލާން އިމްރާންއެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ގޯލު އިލާން ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ. އެ ބޯޅަ ގޯލަށް ވަނީ، އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަތްމަތިން ގޮހެވެ.

އަދި އޭގެ 5 މިނެޓު ފަހުން މާޒިޔާގެ ފަހު ގޯލު ކާމިޔާބުކުރީ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުންނެވެ.

މި މުބާރާތުގައި އިލާން ވަނީ 4 ގޯލު ކާމިޔާބުކޮށްފައެވެ. އަދި އޭނާއަކީ މުބާރާތުގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާ ވެސް މެއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ މާޒިޔާގެ އައިހަމްއަށެވެ. އަދި ޕެއާރޕްލޭ ޓީމުގެ މަޤާމު ލިބުނީ މަހިބަދޫ ސްޕޯޓްސް ކްލަބަށެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ، ޓީސީގެ ސްރީ ލަންކާ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS