ކުޅިވަރު
އެފްއޭއެމް ލީގު ކަޕް: މިއީ ދެ އަހަރު ތެރޭގައި މާޒިޔާއިން ކުޅޭ ފުރަތަމަ ފައިނަލް

ސެމީ ފައިނަލުގައި ޓީސީ ކޮޅަށް ގޯލު ޖެހުމަށްފަހު މާޒިޔާގެ ހުސެއިން ސިފާއު ޔޫސުފް އުފާފާޅުކުރަނީ، ފޮޓޯ: އަތޫފް އާތިފް
ފުޓުބޯޅަ ސީޒަން ފަސްކުރަން ޖެހުމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވާ އެފްއޭއެމް ލީގު ކަޕުގެ ފައިނަލް މެޗު މިރޭ ކުޅުމަށް ތާވަލުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ އަހަރުގެ ތެރޭގައި ކުޅޭ ފުރަތަމަ ފައިނަލެވެ.
ފައިނަލުގެ އެންމެ ފަހުގެ ތައްޔާރީތައް މާޒިޔާއާ ދެކޮޅަށް ކުޅޭ އޮޑި ސްޕޯޓްސް ކްލަބުން ވެސް ވެފައިވާއިރު، މާޒިޔާގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) ބުނީ، ތަށި ނޫން ޓާގެޓެއް އެ ޓީމުގެ ނެތް ކަމަށެވެ.
ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމޫހް ހާމަކޮށްފައިވާ ގޮތުގައި، ލީގު ބުރުގެ މެޗުތަކުގައި ބައެއް ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވިނަމަވެސް، ފައިނަލުގައި މުޅި ޓީމު ފެންނާނީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އަދި މާޒިޔާ އިން އޮޑިއަށް ދޭން ޖެހޭ އިހުތިރާމް ދޭނެ ކަމަށާއި، އޮޑިއަކީ މި މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ވެސް ސަމޫހް ވަނީ ބުނެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޮޑީގެ ކެޕްޓަން ހުސެއިން ނިހާން (ނިހާޓް) ބުނީ، މާޒިޔާގައި ތިބި ކުޅުންތެރިންނަށް ބެލިޔަސް އެއީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށާއި، ނަމަވެސް އޮޑިން މި މެޗަށް ތައްޔާރުވާނީ އެ ކުޅުންތެރިންގެ ކޮލެޓީ އެނގިގެން ކަމަށެވެ.
މާޒިޔާގައި ތިބި އެކްސްޕީރިއަންސް ކުޅުންތެރިންނަށް ބަލާއިރު، ދިވެހި ރާއްޖޭގެ ފުޓުބޯޅައިގައި މިހާރު ސީނިއާ ފުޓުބޯޅަ ޓީމުގައިވެސް ތިބި މިހާރު އެންމެ ރަނގަޅު ކުޅުންތެރިން ތިބީ މާޒިޔާގައި. އަޅުގަނޑުމެން އެކަމަކު މި މެޗަށް ނުކުންނައިރު، މާޒިޔާ ޕްލޭޔަރުންގެ ކޮލެޓީއާ ހުރިހާ އެއްޗެއް އެނގި އަހަރެމެން ހަމަ ރެޑީވެގެން މިދަނީ އިރާދަކުރެއްވިއްޔާ މި މެޗު ނަގަން.
ނިހާން ބުންޏެވެ.
މިރޭ ކުޅޭ ފައިނަލުން މާޒިޔާ ޖާގަ ހޯދީ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ. އަދި އޮޑި ފައިނަލުން ޖާގަ ހޯދީ 2-1 އިން ނިއު ރޭޑިއަންޓު ރޭޑިއަންޓު ބަލިކުރުމަށްފަހުއެވެ.
މި މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން މާޒިޔާގެ ރަސްކަން ދިވެހި ފުޓުބޯޅައިގައި ދެމެހެއްޓުމަށް އެ ޓީމަށް ގިނަ މަސައްކަތްތަކެއް މިރޭގެ ފައިނަލިގައި ކުރަން ޖެހޭނެއެވެ.
އޮޑި އާއި މާޒިޔާ ކުޅޭ ލީގު ކަޕް ފައިނަލް މެޗު ފަށާނީ މިރޭ 21:00 ގައެވެ.