ކުޅިވަރު
އިދިކޮޅު ގޯލާ ގުޅުން ރަގަޅު ކޫނާ މެންޗެސްޓަރ ޔުނައިޓެޑަށް

ކޫނާ ވަނީ މި ސީޒަނުގައި ވޫލްވްސްއަށް 27 ގޯލު ކާމިޔާބުކޯށްދީފައި، ފޮޓޯ: ގެޓީ އިމޭޖަސް
ގޯލު ޖެހުމަށް ފަރިތަ މެތިއުސް ކޫނާ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް، އޭނާ މިހާރު ކުޅެމުން އަންނަ އިންގްލިޝް ޕްރިމިއަރ ލީގުގެ ވުލްވަރހެމްޕްޓަން ވޮންޑާރސް (ވޫލްސް) އާއި މެންޗެސްޓަރ ޔުނައިޓެޑުން އެއްބަސްވުމަކަށް އައިސްފައެވެ.
އެގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ހުޅަހެށި 62.5 މިލިއަން ޕައުންޑަށް އެއްބަސްވެ، ވޫލްވްސްއިން މިހާރު ވަނީ ކޫނާއާއި މަޝްވަރާ ކުރުމުގެ ޙުއްދަ މެންޗެސްޓަރ ޔުނައިޓެޑަށް ދީފައެވެ.
ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކޫނާ ގަތުމަށް މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ހުށަހެޅީ ފަސް އަހަރު ދުވަހަށް ބަހާލައިގެން އޭނާގެ ޓްރާންސްފަރ ފީ ދެއްކުމަށެވެ. ނަމަވެސް އެ ގޮތަށް ވޫލްސްއިން އެއްބަސް ނުވުމުން، އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑުން ހުށަހެޅީ އެ ފައިސާ ދެ އަހަރު ތެރޭގައި ދެއްކުމަށެވެ.
މި ހުށަހެޅުމަށް ވޫލްސްއިން އެއްބަސްވުމުން، އުމުރުން 26 އަހަރުގެ ކުނާގެ މެޑިކަލް ޓެސްޓު ވަރަށް އަވަހަށް ހަދާނެކަމަށް މިހާރު ވަނީ ޤަބޫލުކުރެވިފައެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން ވޫލްސްއާ ފުރަތަމަ ކޫނާ ގުޅުނީ 2023 ގައެވެ. ނަމަވެސް ފަހުން ވަނީ ވޫލްސްއާއެކު ދާއިމީ އެއްބަސްވުމަކަށް ގޮސްފައެވެ. އަދި މިހާތަނަށް ވޫލްސްއަށް ދެ ސީޒަން ކުޅެފައިވާއިރު އޭނާ ވަނީ އެ ކްލަބަށް 33 ގޯލު ކާމިޔާބުކޮށްދީފައެވެ.
އެތުލެޓިކޯ މެޑްރިޑާއެކު 40 މެޗު ކުޅެފައިވާއިރު، ކޫނާ ވަނީ އެ ޓީމަށް 6 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އޭނާގެ ސީނިއަރ ކެރިއަރުގައި ޖަރުމަނުގެ ލެޕްޒިގްއަށް ވެސް ކުޅެފައިވެއެވެ.