ކުޅިވަރު

ސީޒަނުގެ ތިން ތައްޓާއެކު އިތުރު 6 އަހަރުގެ ކޮންޓްރެކްޓެއްގައި ޔަމާލް ސޮއިކޮށްފި

ސީޒަނުގެ ތިން ތައްޓާއެކު އިތުރު 6 އަހަރުގެ ކޮންޓްރެކްޓެއްގައި ޔަމާލް ސޮއިކޮށްފި

އައު ކޮންޓްރެކްޓާއެކު 2031ގެ ނިޔަލަށް ޔަމާލް ވަނީ ބާސެލޯނާގައި މަޑުކުރުމަށް ނިންމާފައި، ފޮޓޯ: ގެޓީ އިމޭޖަސް

28 މޭ 2025، 07:12

ބޮޑު ޙިއްސާއަކާއެކު ސީޒަނުގެ ތިން ތަށި ކާމިޔާބުކުރުމަށްފަހު، ބާސެލޯނާއާއެކު އިތުރު 6 އަހަރުގެ ކޮންޓްރެކްޓެއްގައި ލެމީން ޔަމާލް ސޮއިކޮށްފިއެވެ. 

އުމުރުން 17 އަހަރުގެ ޔަމާލް ކުރިން ހަދާފައިވާ ކޮންޓްރެކްޓުގެ މުއްދަތު އޮތީ މި އަންނަ އަހަރުގެ ސީޒަން ނިމޭތަނަށް ހަމަވާގޮތަށެވެ. ނަމަވެސް، ބާސެލޯނާގައި މަޑުކުރުމަށް ނިންމައި އިތުރު އެގްރީމެންޓެއްގައި ސޮއިކުރުމާއެކު، އޭނާގެ އައު ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނީ 2031 ގައެވެ. 

އުމުރުން އެންމެ 15 އަހަރުގައި ބާސެލޯނާގެ ސީނިއަރ ޓީމުގެ ޖާޒީގައި ކުޅެން ފެށި ޔަމާލް ވަނީ، މި ސީޒަނުގައި 55 މެޗުން 18 ގޯލު ކާމިޔާބުކޮށް 25 ގޯލަށް އެސިސްޓުކޮށްދީފައެވެ. އެގޮތުން މި ސީޒަނުގައި އެ ޓީމުން ވަނީ ލަ ލީގާ، ކޮޕަ ޑެލް ރޭ އަދި ސްޕެނިޝް ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ބާސެލޯނާއިން ހާމަކޮށްފައިވާ ގޮތުގައި، ލެމިން ޔަމާލް އައު ކޮންޓްރެކްޓުގައި ސޮއިކުރީ ކްލަބުގެ ރައީސް ޖޯން ލަޕޯރޓާ އަދި ސްޕޯޓިން ޑިރެކްޓަރ ޑެކޯގެ ކުރިމަތީގައެވެ.

ބާސެލޯނާއަށް މުޅި ޖުމްލަ މިހާތަނަށް ކުޅެދީފައިވާ 115 މެޗުން ޔަމާލް ވަނީ 25 ގޯލު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވެގެންގޮސްފައިވަނީ ލަ ލީގާ، ކޮޕަ ޑެލް ރޭ އަދި ސްޕެނިޝް ސުޕަރ ކަޕްގައި ގޯލު ކާމިޔާބުކޮށްފައިވާ އެންމެ ހަގު ކުޅުންތެރިއާއަށެވެ. 

ބާސެލޯނާގެ ސީނިއަރ ޓީމަށް އެ ކްލަބުގެ އެކަޑަމީ، ލަ މާސިއާއިން އައި ޔަމާލްއަށް މި އަންނަ ޖުލައި މަހު 18 އަހަރު ފުރޭއިރު، ބާސެލޯނާއަށް އެންމެ ހަގު އުމުރެއްގައި 100 މެޗު ކުޅެދީފައިވާ ކުޅުންތެރިއަކީ ވެސް އޭނާއެވެ. 

ޔަމާލް ވަނީ މިހާތަނަށް ސްޕެއިންގެ ޤައުމީ ޓީމަށް ވެސް 19 މެޗު ކުޅެދީފައެވެ. އަދި މިދިޔަ އަހަރުގެ ޔޫރޯގައި  ކުޅެފައިވާއިރު، އޭނާ ވަނީ އުމުރުން 16 އަހަރުގައި ޔޫރޯ ތަށި އުފުލާލާފައެވެ. 

ޔަމާލްގެ އިތުރުން، ކޯޗު ފްލިކް އާއި ރަފީނިއާއިން ވެސް ވަނީ ބާސެލޯނާގެ ކޮންޓްރެކްޓް ވަރަށް ފަހުން އައުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS