Ads by Stelco

ޚަބަރު

މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހާ ގުޅިގެން އުއްތަމަ ފަނޑިޔާރާ މުޢާމަލާތެއް ނުކުރަން: ނަޝީދު

މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހާ ގުޅިގެން އުއްތަމަ ފަނޑިޔާރާ މުޢާމަލާތެއް ނުކުރަން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އަހުމަދު މުތަސިމް އަދުނާން އައްޔަން ކުރެއްވުން - 15 އޮގަސްޓް 2010، ފޮޓޯ: ރައީސް އޮފީސް

27 މޭ 2025، 08:48

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހާ ގުޅިގެން އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛް މުޢުތަޞިމް ޢަދްނާންއާ މުޢާމަލާތް ކުރިކަމަށް ބުނެ ރާއްޖެ.އެމްވީގައި އޮތް ޚަބަރު، ރައީސް މުޙައްމަދު ނަޝީދު ދޮގުކުރައްވައިފިއެވެ.

އެ ލިޔުމުގައި އޮތް ގޮތުން، ޤާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓަރ ރައުފާ ހައިދަރު ނިންމަވައި، އެކަން އުއްތަމަ ފަނޑިޔާރަށް ދެންނެވިއެވެ. އަދި އެއަށްފަހު ފަނޑިޔާރު މުޢުތަޞިމް ރައީސް ނަޝީދުއަށް ގުޅުއްވައި އެ ވާހަކަ ދެންނެވިކަމަށާއި، އެއާއެކު އެ މައްސަލަ ބަލައިގަންނަން ޖެހޭނެކަމަށް ރައީސް ނަޝީދު އުއްތަމަ ފަނޑިޔާރަށް ދެންނެވިކަމަށް ވެއެވެ.

ނަމަވެސް ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި އޮތްގޮތުން، އެ ނޫހުގައި އޮތް ގޮތަށް ކަންހިނގާފައެއް ނުވެއެވެ. އަދި "އަލިފުން ޔާޔަށް އޭގައި އެހެރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު" ކަމުގައި ރައީސް ނަޝީދު ވިދާޅުވާކަމަށް އެ ބަޔާނުގައި އޮތެވެ.

ރައީސް ނަޝީދު ވިދާޅުވީ އަލްއުސްތާޛް މުޢުތަޞިމް ޢަދްނާނަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ. އަދި އެ ބޭފުޅާއަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަޤާމުގެ ވާޖިބުތައް އަދާކުރައްވާނެ ބޭފުޅެއްކަން ޝައްކު ނުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.



ރާއްޖެ.އެމްވީގައި އޮތް ލިޔުމުގައި އޮތްގޮތުން، އަލްއުސްތާޛް މުޢުތަޞިމް އާއި ރައީސް ނަޝީދު މި މައްސަލައާ ގުޅިގެން މުޢާމަލާތްކުރިކަން އެނގުމުން، އެޓަރނީ ޖެނެރަލް އަޙުމަދު އުޝާމް ވަނީ އުއްތަމަ ފަނޑިޔާރަށް ގުޅުއްވައި ބިރު ދައްކާފައެވެ. ނަމަވެސް ރައީސް ނަޝީދުއާ އަލްއުސްތާޛް މުޢުތަޞިމް ފޯނުން މުޢާމަލާތް ނުކުރައްވާނަމަ، މިކަމަކީ ވެސް ހިނގާފައި އޮންނާނެކަމެއް ނޫނެވެ. 

އަލްއުސްތާޛް މުޢުތަޞިމް އަދުނާނު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނުކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި، 15 އޯގަސްޓު 2010 ގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS