ކުޅިވަރު
އެފްއޭއެމް ލީގު ކަޕްގެ ފައިނަލުން މާޒިޔާ އާއި އޮޑި ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފި

ނިއު ރޭޑިއަންޓު ކޮޅަށް މޮޅުވި ގޯލު ޖެހުމަށްފަހު އަހުމަދު ނޫމާން އުފާފާޅުކުރަނީ ---
އެފްއޭއެމް ލީގު ކަޕްގެ ފައިނަލުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކުލަބު ޖާގަހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުގެ ދެ މެޗު ވެސް އިއްޔެ ކުޅެފައިވާއިރު، ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ޓީސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ޓީސީގެ ޑިފެންސް ލައިނާއި ގޯލްކީޕަރުގެ ހުޝިޔާރުކަމުން އެ ޓީމުގެ ގޯލަށް ބޯޅައެއް ވައްދާލެވުނީ މެޗުގެ 38 ވަނަ މިނެޓުގައެވެ.
އަލީ ފާސިރުގެ އެހީތެރިކަމާއެކު، އޭރިއާ ބޭރުން ހުސައިން ޝިފާއު ފޮނުވާލި ހަމަލާ ކީޕަރު ބޯމަތިންގޮސް އަމާޒުވީ ގޯލުގެ ކަނަށެވެ.
މުޅި މެޗުގައި ޓީސީއިން ކުޅެފައި ވަނީ ވަރަށް ބޮޑަށް ފަހަތަށް ވިސްނައިގެންނެވެ. އެހެންކަމުން، މާޒިޔާގެ ގޯލަށް ނުރައްކާތެރި ބޯޅަތަކެއް ޓީސީއަށް ފޮނުވާލެވިފައެއް ނުވެއެވެ.
މުބާރާތުގެ ދެވަނަ ސެމީގައި ރޭ ބައްދަލުކުރީ އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެ މެޗު އޮޑި ސްޕޯޓްސްއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ނިއު ރޭޑިއަންޓުން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ޓީމު ނިއުއަށް ކާމިޔާބުކޮށްދިނީ މޫސާ ޔާމީން (ޔާންބެ) އެވެ.
ދެވަނަ ހާފުގައި އޮޑިން ވަނީ އެމީހުންގެ ކުޅުމަށް ބަދަލުތަކެއް ގެނަސް، ވަރުގަދަކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިސްރުގެ އާޝޫރު އެލް ސައީދަށް ލިބުނު ބޯޅައެއް ބޮލުން ޖަހާ ގޯލުގެތެރެއަށް ފޮނުވާލައިގެން އޮޑިން ވަނީ މެޗުގެ 71 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފައެވެ.
އޮޑިން ނިއުގެ މައްޗަށް ކުރި ހޯދީ އިތުރު ވަގުތުގައި އަހުމަދު ނޫމާން ބޮލުން ކާމިޔާބުކުރި ގޯލަކުންނެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަދުވަހުގެ ރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ.