ޚަބަރު
ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެންނަން ބޭނުންވާ ކަމެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެންނަން ބޭނުންވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
އެޗްޑީސީން ހުޅުމާލެ ތަރައްގީގެ މާސްޓަރ ޕްލޭނަށް ގެންނެވި ބަދަލާއި އއި އެ ކުންފުނީގެ އައު ވެބްސައިޓް އިފްތިތާހުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެޗްޑީސީގެ އައު ވެބްސައިޓަކީ ހެޔޮވެރިކަމެއްގެ ނިޒާމެއް ކަށަވަރު ކުރުމަށް ހުޅުވުނު ދޮރާއްޓެއް ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެންނަވަމުންދާ ކަމަށެވެ. މި ބަދަލުތައް ގެންނަވަނީ ދެފުށްފެންނަ ގޮތަށް، ކޮރަޕްޝަން ނައްތާލެވިފައިވާ މާހައުލެއް ގާއިމުކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރުވެސް އެޗްޑީސީން މި ބަދަލުތަކުގެ ފައިދާ ފެންނަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު
އަޅުގަނޑުމެން އައިސް މިތިބެނީ ޓައި އަޅައިގެން މަސައްކަތް ކުރަން ރައްޔިތުން ހަވާލުކޮށްގެން. ރައްޔިތުންނަށް މިކަންތައްތައް މިކޮށްދެނީ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ފައިދާއެއްވޭ މުސާރަ ލިބުނީމަ. އެކަމަކު އެހޯދާ މުސާރައަކީ އާމްދަނީއަކީ ވާންޖެހޭ ހެޔޮގޮތުގައި ހޯދާ އެއްޗަކަށް. އޭގެއިން ބޭރުން ކަންތައްތައް ލިބިގަންނަ ފުރުސަތަކަށް އެ ވެގެންނުވާނެ
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުންފުނިތަކާއި ވުޒާރާތަކާއި މުއައްސަސާތަކަކީ ދެފުށް ފެންނަ ގޮތަށް ހިންގާ ކޮރަޕްޝަނާ ދުރު ތަންތަނަށް ހެދުމަށް ކަމަށެވެ. އެންމެން އެކުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށާއި އެމަނިކުފާނަށް އެނގިވަޑައިގެން ފުރުސަތެއް ނުދެއްވައި އެއްވެސް ސުވާލެއް ނެތި އެފަދަކަންކަން ހުއްޓުމަކަށް ގެންނަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނީވެސް ވެރިކަމުގެ ނިޒާމު ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ކުރެވިގެން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުގެ މުއައްސަސާތަކުން ދެއްވާ އެއްބާރުލުންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.