ޚަބަރު
ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިއުލާންކޮށްފި: ބަނދަރު ސަރަޙައްދު 53 ހެކްޓަރަށް ބޮޑުކުރަނީ

ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭންގެ ކުރެހުމެއް ފޮޓޯ:އެޗްޑީސީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިއުލާންކޮށްފިއެވެ. މި ޕްލޭންގައި ހުޅުމާލޭގެ ބިން އެކި ބޭނުންތަކަށް ޚާއްސަކޮށް، ޒަމާނާއި ތަރައްޤީއާއެކު ގެންނަންޖެހޭ ބަދަލުތައް ވަނީ ހިމަނާފައެވެ.
އެޗްޑީސީން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އައު މާސްޓަރ ޕްލޭންގެ ދަށުން ހުޅުމާލޭގެ ބަނދަރު ސަރަޙައްދު މިހާރުގެ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް ޖާގައާއި، އެހެނިހެން ޒަރޫރީ ޚިދުމަތްތަކާއި ވަސީލަތްތަކަށް ޚާއްސަ ބިންތައް އެކި ނެއިބަރހޫޑުގައި ވަނީ ކަނޑައަޅާފައެވެ.
ޕްލޭންގައި ބިންތައް އެލޮކޭޓްކޮށްފައިވާ ގޮތަށް ބަލާއިރު، ރެޒިޑެންޝަލް ބޭނުންތަކަށް 29.84 އިންސައްތަ، ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 އިންސައްތަ، އަދި ގްރީން ސްޕޭސް، ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 30.62 އިންސައްތަ ބިން ވަނީ ކަނޑައަޅާފައެވެ. ކޮމާޝަލް ބޭނުންތަކަށް 5.56 އިންސައްތަ އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް 5.76 އިންސައްތަ ބިން ވަނީ ޚާއްސަކޮށްފައެވެ.
އެޗްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ޖުމްލަ 11 ކަނެކްޝަނަކުން ގުޅާލައި، ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ނިޒާމްތައް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ. އަދި ބިންވެރިޔާ މަޝްރޫޢުގެ ޕްލޮޓްތަކަށް ބިންތައް ވަނީ ކަނޑައަޅާފައެވެ.
މި މާސްޓަރ ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި އާއިލާތަކަށް ތަފާތު ތަޖުރިބާތަކެއް ލިއްބައިދޭނެ ވަސީލަތްތައް ޤާއިމުކުރުމާއި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ބައިނަލްއަޤްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން ހިމެނެއެވެ.
މި ރިވައިޒްޑް މާސްޓަރ ޕްލޭނަކީ ހުޅުމާލޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.