ޚަބަރު
ހިތްހަމަޖެހޭ މާހައުލަކާއިއެކު އެކުލަވާލާފައިވާ ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
އިންޤިލާބީ ބަދަލުތަކަކާއެކު އެކުލަވާލާފައިވާ ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޕްލޭން އިފްތިތާޙްކޮށްދެއްވީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހެނދުނު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާވެށްޓާބެހޭ ވަޒީރު ީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން ވިދާޅުވިގޮތުގައި މި އައު ޕްލޭން އެކުލަވާލާފައިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށެވެ. މި ޕްލޭންގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތަކާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް، އައު ކަންކަން ގެނައުމަކީވެސް މި ޕްލޭން ރިވައިޒްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމެވެ.
އައު މާސްޓަރ ޕްލޭންގައި ހިމެނޭ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި:
ބަނދަރު ސަރަޙައްދު 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުން
ރެެޒިޑެންޝަލް ބޭނުންތަކަށް %29.84 ބިން ކަނޑައެޅުން
ގްރީން ސްޕޭސް، ސްޕޯޓްސް އަދި ރެކްރިއޭޝަނަށް %30.62 ބިން ކަނޑައެޅުން
ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް %10.41 ބިން ކަނޑައެޅުން
ފޭސް 2 އަދި ފޭސް 3 ގުޅުވާލުމަށް 11 ކަނެކްޝަން ޤާއިމުކުރުން
ބައިނަލްއަޤްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން
މި ރަސްމިއްޔާތުގައި ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑެލެއް ދައްކާލުމުގެ އިތުރުން އެޗްޑީސީގެ އައު ވެބްސައިޓުވެސް އިފްތިތާޙްކުރެވުނެވެ. މި އައު މާސްޓަރ ޕްލޭނާއެކު ހުޅުމާލެ އިތުރަށް ތަރައްޤީވެ، ރާއްޖޭގެ އެންމެ ޒަމާނީ އަދި ފުރިހަމަ ސިޓީއަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.
ހުޅުމާލެއަކީ މާސްޓަރ ޕްލޭނަކާއެކު ރާއްޖޭގައި މީހުން އާބާދުކުރަން ފެށުނު ފުރަތަމަ ޝަހަރެވެ. 2004 ވަނަ އަހަރު ފުރަތަމަ ފޭސް ހިއްކައި މީހުން އާބާދުވާން ފެށި ފަހުން، މިވީ 21 އަހަރުގެ ތެރޭގައި ހުޅުމާލޭގެ ލޭންޑްސްކޭޕަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މިހާރު ފޭސް 2 ގައި މީހުން އާބާދުވެ ދިރިއުޅެން ފަށާފައިވާއިރު، ފޭސް 3 އަށް ބޭނުންވާ ބިން ހިއްކުމާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.
ހުޅުމާލޭ ފޭސް 1 ގައި 194 ހެކްޓަރު ހިމެނޭއިރު، މިއީ އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްޤީކޮށްފައިވާ ސަރަޙައްދެކެވެ. ފޭސް 2 ގައި 251 ހެކްޓަރު ހިމެނޭއިރު، މިއީ ދެލައްކަ ފަންސާސް ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްޤީކުރަމުންދާ ސަރަޙައްދެކެވެ.
އައު މާސްޓަރ ޕްލޭންގައި ހިމެނޭ އިތުރު މުހިންމު ކަންތައްތަކުގެ ތެރޭގައި:
ކޮމާޝަލް ބޭނުންތަކަށް %5.56 ބިން ކަނޑައެޅުން
މިކްސްޑް ރެސިޑެންޝަލް ކޮމާޝަލް ޒޯނަށް %1.44 ބިން ކަނޑައެޅުން
އޮފީސް ޖާގައާއި އެހެނިހެން ބޭނުންތަކަށް %3.64 ބިން ކަނޑައެޅުން
އިންޑަސްޓްރިއަލް މަސައްކަތްތަކަށް %5.76 ބިން ކަނޑައެޅުން
ބިންވެރިޔާ މަޝްރޫޢުގެ ޕްލޮޓްތަކަށް ބިންތައް ކަނޑައެޅުން
އާއިލާތަކަށް ތަފާތު ތަޖުރިބާތަކެއް ލިއްބައިދޭނެ ވަސީލަތްތައް ޤާއިމުކުރުން
މި އައު މާސްޓަރ ޕްލޭނާއެކު ހުޅުމާލެ އިތުރަށް ތަރައްޤީވެ، ރާއްޖޭގެ އެންމެ ޒަމާނީ އަދި ފުރިހަމަ ސިޓީއަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. މިއީ ހުޅުމާލޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދިރުން އިތުރުކޮށް، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދޭނެ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.