ޚަބަރު
މިއަދުގެ ރީތި ތާރީޚްގައި މާލޭގައި 59 ކައިވެނި އަދި 22 ވަރި

ފެމިލީ ކޯޓު ބޭރުގައި އާންމުންނަށް ފަސޭހަކޮށްދިނުމަށް ހަދާފައިވާ ޓެންޓް ފޮޓޯ: ސަން އޮންލައިން
މިއަދަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ކައިވެނި ކޮށްދެވޭ ދުވަސް ކަމަށް ފެމިލީ ކޯޓުން މަޢުލޫމާތު ދީފިއެވެ. މިއަދު (25 މެއި 2025) އަކީ މިއަހަރުގެ ތެރޭގައި އަންނަ އެންމެ ރީތި އެއް ތާރީޚު ކަމަށްވާތީ، ގިނަ ބަޔަކު ކައިވެނި ކުރުމަށް ޝައުޤުވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
ފެމިލީ ކޯޓުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިއަދުގެ މި ރީތި ތާރީޚުގައި މާލޭގައި އެކަނިވެސް ޖުމްލަ 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދަކީ މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ކައިވެނި ކޮށްދެވޭ ދުވަސް ކަމަށްވާތީ، ކޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކޯޓުގެ ބޭރުގައި ހިޔާވާނެ ގޮތަށް ޓެންޓާއި ގޮނޑިތައް ވެސް ފެމިލީ ކޯޓުން ވަނީ ޖަހާފައެވެ.
ނަމަވެސް، މިއަދު ކައިވެނީގެ އުފާވެރިކަމާއެކު، 22 ވަރީގެ މައްސަލައެއްވެސް މިއަދަށް ތާވަލުކޮށްފައިވާކަން ފެމިލީ ކޯޓުން ފާހަގަކޮށްފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ރީތި ތާރީޚުތަކުގައި ކައިވެނި ކުރާ އަދަދު އިތުރުވާކަން ފާހަގަކުރެވެއެވެ. މިގޮތުން، މިދިޔަ އަހަރުގެ ރީތި ތާރީޚު ކަމަށްވާ 24 ޑިސެމްބަރ 2024 ގައިވެސް 52 ކައިވެނި ކޮށްފައިވާކަން ފާހަގަކުރެވެއެވެ.