ކުޅިވަރު
ޕޮއިންޓަކުން އިންޓަރ މިލާން ފަހަތަށް ޖައްސާލައި، ނަޕޯލީއިން އިޓަލީ ލީގު ކާމިޔާބުކޮށްފި

ނަޕޯލީއިން އިޓަލީ ލީގު ތަށި ހަތަރުވަނަ ފަހަރަށް އުފުލާލުން ---
އެންމެ ޕޮއިންޓަކުން ޗެމްޕިއަން އިންޓަރ މިލާން ފަހަތަށް ޖައްސާލައި، ނަޕޯލީއިން އިޓަލީ ލީގު ކާމިޔާބުކޮށްފިއެވެ.
އިޓަލީ ލީގުގެ ފަހު ބުރުގެ މެޗުތައް ރޭ ކުޅެފައިވާއިރު، ނަޕޯލީއިން ތަށި ހޯދުމަށް ރޭ އެ ޓީމާ ދެކޮޅަށް ކުޅުނު ކެގްލިއާރީ ކޮންމެހެން ބަލިކުރަންޖެހެއެވެ. އެއީ އެ ޓީމާއި އިންޓަރ މިލާނާއި ދެމެދުގައި އެއް ޕޮއިންޓުގެ ފަރަގެއް އޮތުމުން، މެޗުން މޮޅު ނުވެވިއްޖެނަމަ، ތިން ޕޮއިންޓާއެކު އިންޓަރ ލީގުގެ އެއްވަނައަށް އަރާނެތިއެވެ.
ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑުން 25.7 މިލިއަން ޕައުންޑަށް މިދިޔަ އޮގަސްޓު މަހު ނަޕޯލީއަށް ބަދަލުވި ސްކޮޓް މެކްޓޮމިނޭގެ ރީތި ގޯލަކާއެކު، ނަޕޯލީއިން އުއްމީދު އައުކުރިއެވެ. އެއަށްފަހު މެޗުގެ ފަހު ހާފުގެ 5 މިނެޓު ކުޅެވުނު ފަހުން ލުކާކޫ ކާމިޔާބުކުރި ގޯލާއެކު، ބެންޗުގައި ތިބި ކުޅުންތެރިން ވެސް ދަނޑަށް އަރައި އުފާފާޅުކުރިތަން ފެނުނެވެ. އަދި މެޗު ބަލަން ތިބި ސަޕޯޓަރުން ވެސް އެ ހިނދުން ފެށިގެން ފޯރި ގަދަކުރިއެވެ.
މިއީ ތިން އަހަރުގެ ތެރޭގައި ނަޕޯލީއިން ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އަދި މިއީ ކްލަބުގެ ތާރީޙުގައި ހަތަރުވަނަ ލީގު ތައްޓެވެ. އެ ކްލަބުން ފުރަތަމަ ލީގު ކާމިޔާބުކުރީ 1986-87 ސީޒަންގައެވެ. އޭގެ ފަހުން 1989-90 ގައި ކާމިޔާބުކުރުމަށްފަހު ދެން ތަށި އުފުލާލީ 2022-23 ގައެވެ.
އިންޓަރ މިލާނުގެ ފަހު މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ. ކޮމޯ 1907 އާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. މި މެޗުގައި ލިވަޕޫލަށް ކުރިން ކުޅެފައިވާ، ކޮމޯގެ ގޯލްކީޕަރު ޕެޕޭ ރެއިނާއަށް ރަތް ކާޑެއް ދައްކާފައިވެއެވެ. އޭނާއަށް ރަތްކާޑެއް ދާކާފައި މިވަނީ، އެ މެޗަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު މެޗުކަން ރޭގެ މެޗުގެ ކުރިން އިޢުލާންކޮށްފައި ވަނިކޮށެވެ.