ކުޅިވަރު
ހޮޅުދޫ ބެޑްމިންޓަން މުބާރާތުގައި ހުނަރުވެރި ކުޅުންތެރިންތަކެއް ފެނުނު: ޝުބާ

ޝުބާ މުޙައްމަދު ޝަރީފް، ފޮޓޯ: ބާފާ
ނ. ހޮޅުދޫގައި ނިމިގެންދިޔަ ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖުގައި، އެ ރަށުން ހުނަރުވެރި އަދި މޮޅު ބެޑްމިންޓަން ކުޅުންތެރިންތަކެއް ފެނިގެންގޮސްފައިވާކަމަށް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު ޝުބާ މުޙައްމަދު ޝަރީފް ބުނެފިއެވެ.
އެ މުބާރާތުގައި ޝުބާ ތަމްސީލުކޮށްފައިވަނީ ހޮޅުދޫ މޭނާ ސްކޫލުގެ ބެޑްމިންޓަން ޓީމެވެ. އެ ޓީމުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ނިކުމެ، އެއްވެސް މެޗަކުން ބަލިނުވެ އެކަން ހާސިލް ކުރުމުގައި ޝުބާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
"ފަރުދުން" މީޑިއާ ދިން އިންޓަވިއުއެއްގައި ޝުބާ ބުނީ، ހޮޅުދޫއަކީ ބެޑްމިންޓަންގައި ވާދަވެރިކަން އޮތް ރަށެއްކަމުން، އުއްމީދީ މޮޅު ކުޅުންތެރިންތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި މިފަދަ މުބާރާތްތަކާއެކީ ހުނަރުވެރި ކުޅުންތެރިން ކުރިޔަށްއޮތްތާންގައި އިތުރުވެގެން ދާނެކަމަށް އުއްމީދުކުރާކަމަށް ވެސް ހާމަކުރިއެވެ.
ވަރަށް ކުރީއްސުރެ ވެސް ބެޑްމިންޓަން ވަރަށް ގަދަޔަށް ކުޅެ، ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދިޔަ ރަށެއް. އަދި މި މުބާރާތުގައި ވެސް ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން ފެނިގެން ދިޔަ. "ފަރުދުން"އަށް ދިން އިންޓަވިއުގައި ޝުބާ ބުންޏެވެ.
މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބެންޔަންސް އެސޯސިއޭޝަން ފޯރ އޯލް (ބާފާ)ގެ އަމާޒަކީ، މިއީ މާލެއިން ބޭރުގައި ބާއްވާ އެންމެ ވާދަވެރި މުބާރާތައް ހެދުމެވެ. މި ނޫހަށް ދިން އިންޓަވިއުއެއްގައި އެ ޖަމްޢިއްޔާގެ ރައީސް ޢަބްދުލް ވަދޫދު ބުނީ، އެ ޖަމްޢިއްޔާގެ އަމާޒަކީ ހޮޅުދޫއިން ޤައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށެވެ.
މި މުބާރާތަކީ މާލެއިން ބޭރުގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތަށް ހަދައި، މި މުބާރާތުގެ ތެރެއިން ރާއްޖޭގެ ފެންވަރުގެ މޮޅެތި ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަކީ ބާފާ ޖަމްޢިއްޔާގެ އަމާޒު. ބާފާގެ ރައީސް އަބްދުލް ވަދޫދު "ފަރުދުން" އާ ވާހަކަދައްކަމުން ހާމަކުރިއެވެ.
އެ ޖަމްޢިއްޔާގެ މި މަސައްކަތުގައި ހަޤީޤީ ކުލަޖެހެން ފަށާފައިވާ ކަމުގެ އެތައް ހެއްކެއް މިހާރު އެބަ ފެންނަމުންދެއެވެ. އެންމެ ފުރަތަމަ ކަމަކަށް، މުބާރާތުން ޤައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިން ފެނުމެވެ. މި ފަހަރުގެ މުބާރާތުގައި ޤައުމީ ލެވެލްގެ 4 ކުޅުންތެރިއަކު ފެނިގެން ދިޔައެވެ. އެއީ ފިރިހެން ޑިވިޝަނުގައި ތިން ކުޅުންތެރިއަކާއި އަންހެން ޑިވިޝަނުން ޝުބާއެވެ.
އަދި މި ނޫހަށް ދިން އިންޓަވިއުގައި، ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅެފައިވާ ޝުބާ ބުނީ، މުބާރާތަކީ ވާދަވެރި މުބާރާތެއް ކަމަށާއި، މުބާރާތުން ލިބުނު ތަޖުރިބާ ރަގަޅުކަމަށެވެ.
ޝުބާ ދެކެނީ މިއީ ވަރަށް ވާދަވެރި މުބާރާތެއްގެ ގޮތުގައި. ވަރަށް ވާދަވެރި މެޗުތަކެއް ކުޅެވިގެން ދިޔަ، އަދި މިއީ ވަރަށް ރަގަޅު އެކްސްޕީރިއެންސެއްގެ ގޮތުގައި ފާހަގަކުރާނީ. މީގެ އިތުރުން މުބާރާތުގެ އިންތިޒާމުތައް ވެސް ދިޔައީ ވަރަށް ފުރިހަމަކޮށް. ޝުބާ ބުންޏެވެ.
ޝުބާ ތަމްސީލްކުރި މޭނާ ސްކޫލުގެ ޓީމު މުބާރާތް ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި ފައިނަލް މެޗުން އެ ޓީމު މޮޅުވީ ސީދާ ތިން ޓައިއިންނެވެ.
ޝުބާއަކީ ބީއެމްއެލްގެ ސްކޮލަޝިޕެއްގައި 2023 ވަނަ އަހަރު އިންޑިއާގައި ތަމްރީނުތައް ވެސް ހަދާފައިވާ ކުޅުންތެރިއެކެވެ. އަދި އޭގެ ފަހުން އައިއޯއައިޖީ 2023 ގައި ޓީމް އިވެންޓުން އޭނާ ވަނީ ރިހި މެޑަލް ހޯދާފައެވެ.
މި މުބާރާތުގައި މޭނާ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހޮޅުދޫ ކައުންސިލް 3-0 އިން ބަލިކުރުމަށްފަހުއެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ބަލިކޮށް، ހޮޅުދޫ ކައުންސިލުންނެވެ. ކައުންސިލުން ފައިނަލުގައި އެ ޓީމަށް ވުރެ ތަޖުރިބާގެ ގޮތުން ތަފާތު ބޮޑުކޮށް އޮތް ފެނަކައިގެ މައްޗަށް ކުރިހޯދީ 3-0 އިންނެވެ. ފެނަކަ ޓީމުގައި ރާއްޖޭގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު ވެސް ހިމެނުނެވެ.
މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 4 ޓީމު އަދި އަންހެން ޑިވިޝަނުގައި 3 ޓީމު ވަނީ ވާދަކޮށްފައެވެ.
އަދި މި އަހަރުގެ ބެޑްމިންޓަން މުބާރާތަކީ ބާފާގެ 17 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ޙާއްސަ ހަރަކާތްތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.