ކުޅިވަރު
ޒުވާން ވޮލީ ޓީމު ދޫކޮށްލާފައި ދިޔަ އީރާންގެ ކޯޗުގެ ބަދަލުގައި އަނެއްކާ ވެސް އެ ގައުމުން ކޯޗެއް ގެންނަނީ

23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުރިން ގެނައި ކޯޗު އިރުޝާދު ދެނީ، ފޮޓޯ: ވީއޭއެމް
ބޭނުންވާ ތަމްރީނުތައް ހެދުމަށް އެކަށޭނަ މާހައުލެއް ނެތުމުންކަމަށް ބުނެ 23 އަހަރުން ދަށުގެ ޤައުމީ ވޮލީ ޓީމަށް ގެނަސްފައިހުރި އީރާނުގެ ކޯޗު ޓީމު ދޫކޮށް ދިއުމުން، އޭނާގެ ބަދަލުގައި އަނެއްކާ ވެސް އީރާނުން ކޯޗެއް ގެނައުމަށް ނިންމައިފިއެވެ.
އީރާނުގެ ޤައުމީ ޓީމަށް ވެސް ކުރިން ކޯޗު ކޮށްދީފައިވާ އަލީ ޕޫރް އަރޫޖީ ރާއްޖެ އައީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފައިނަލްގައި ކުޅެ ރާއްޖެއަށް މެޑަލެއް ހޯދުމުގެ އަމާޒުގައި، މިދިޔަ މަހުއެވެ. އަދި އޭނާ މާލެ ދޫކޮށް ދިޔައީ ޕްރެކްޓިސް ކުރާނެ ހޯލެއް ނެތުމުން ކަމަށާއި އޭނާ ކުރަން އައި މަސައްކަތް ކުރެވެން ނެތުމުންކަމަށް ހާމަކޮށްފައިވެއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހާމަކޮށްފައިވާ ގޮތުގައި އެ އެސޯސިއޭޝަނުން މިހާރު އަންނަނީ އިރާނުން ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެހެން ފަރާތަކާ އިންޓަވިއުކޮށް، ރާއްޖޭގެ ވަސީލަތްތައް ހުރި ގޮތުގެ ވާހަކަ ކިޔާދީފައިވާނެކަމަށް ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވަނީ ހާމަކޮށްފައެވެ.
ވީއޭއެމްއިން އަނެއްކާވެސް ގެންނަނީ ވޮލީގެ މައި އިދާރާ އެފްއައިވީބީގެ ލައިސަންސް އޮތް އީރާނުގެ ތަޖުރިބާކާރު ކޯޗެކެވެ. އޭނާއަކީ މީގެ ކުރިން އީރާނުގެ ޤައުމީ ޓީމުގައިވެސް ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުޅުންތެރިއެއްގެ އިތުރުން ސަރަހައްދީ ވޮލީގެ ތަޖުރިބާ ބޮޑު ކޯޗެކެވެ.
23 އަހަރުންގެ ދަށުގެ ޤައުމި ވޮލީ ޓީމަށް އައު ކޯޗަކު ހޯދުމުގައި ކުޅިވަރު ވުޒާރާއިން އެއްބާރުލުންދޭ ކަމަށާއި، ފަރިތަކުރުންތައް ބާއްވާނެ ތަނެއް ހަމަޖެއްސުމުގައިވެސް އެއްބާރުލުންދޭކަމަށް ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.