ކުޅިވަރު
ބާފާ ބެޑްމިންޓަން ޗެލެންޖް: މޭނާ ސްކޫލުން ރަން ޞަފްޙާއެއް ލިޔުނުއިރު، ކައުންސިލުން މުޅިން އަލަށް ތަށި އުފުލާލައިފި

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު 4ގެ އަންހެން ޑިވިޝަނުގެ ތަށި މޭނާ ސްކޫލުން އުފުލާލަނީ، ފޮޓޯ: ބާފާ
ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު 4ގެ އަންހެން ޑިވިޝަނުގައި މޭނާ ސްކޫލުން ޖެހިޖެހިގެން ތިން ފަހަރަށް މުބާރާތް ކާމިޔާބުކޮށް، މުބާރާތުގެ ތާރީޙުގައި ރަން ޞަފްޙާއެއް ލިޔުނުއިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މުޅިން އަލަށް ހޮޅުދޫ ކައުންސިލުން ހޯދައިފިއެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޭނާ ސްކޫލުން ހޯދީ 3-0 އިން ފައިނަލުގައި ހޮޅުދޫ ކައުންސިލް ބަލިކުރުމަށްފަހުއެވެ. މި ދެ ޓީމު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރިއިރު، އެ މެޗު ވެސް ކާމިޔާބުކުރީ މޭނާއިންނެވެ. އަދި މިދިޔަ އަހަރުގެ ފައިނަލުގައި ވެސް މޭނާއިން ވަނީ ކައުންސިލް ބަލިކޮށްފައެވެ.
ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ބަލިކޮށް، ހޮޅުދޫ ކައުންސިލުންނެވެ. ކައުންސިލުން ފައިނަލުގައި އެ ޓީމަށް ވުރެ ތަޖުރިބާގެ ގޮތުން ތަފާތު ބޮޑުކޮށް އޮތް ފެނަކައިގެ މައްޗަށް ކުރިހޯދީ 3-0 އިންނެވެ. މިއީ މި މުބާރާތުގައި ކައުންސިލުން ފެނަކަ ބަލިކުރި ދެވަނަ ފަހަރެވެ. ލީގު ބުރުގައި ކައުންސިލުން ފެނަކައިގެ މައްޗަށް ކުރި ހޯދީ 4-1 އިންނެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުން ފުރަތަމަ ޖާގަ ހޯދި ޓީމަކީ ވެސް ކައުންސިލެވެ. ފެނަކައިން ފައިނަލަށް ދަތުރުކުރީ އުނދަގޫ ސެމީފައިނަލަކަށްފަހު، 3-2 އިން މޭނާ ސްކޫލް ބަލިކޮށްފައެވެ.
މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 4 ޓީމު އަދި އަންހެން ޑިވިޝަނުގައި 3 ޓީމު ވަނީ ވާދަކޮށްފައެވެ.
މުބާރާތުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކޮށް ފެނިގެން ދިޔައިރު، މުބާރާތް ބޭއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބެންޔަންސް އެސޯސިއޭޝަން ފޯރ އޯލް (ބާފާ) ގެ އަމާޒަކީ، މިއީ މާލެއިން ބޭރުގައި ބާއްވާ އެންމެ ވަރުގަދަ ބެޑްމިންޓަން މުބާރާތަށް ހެދުމެވެ.
މި އަހަރުގެ ބެޑްމިންޓަން މުބާރާތަކީ ބާފާގެ 17 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ޙާއްސަ ހަރަކާތްތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.