ކުޅިވަރު
ކްލަބް ވޯލްޑް ކަޕް އާނޯލްޑަށް ކުޅެވޭނީ ދޮޅު މިލިއަން ޔޫރޯއަށް

އެލެކްސެންޑަރ އާނޯލްޑް ---
މި ސީޒަނަށްފަހު އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށް ނިންމާފައިވާ ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑު ކްލަބް ވޯލްޑް ކަޕަށް ދޫކުރާނީ ދޮޅު މިލިއަން ޔޫރޯގެ ފީއަކަށްކަމަށް ލިވަޕޫލުން ބުނެފައިވާކަމަށް, އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި ސީޒަނަށްފަހު ކޮންޓްރެކްޓުގެ މުއްދަތު ހަމަވާތީ ރެއާލްއަށް އާނޯލްޑު ބަދަލުވާން އޮތީ ހިލެއެވެ. ނަމަވެސް ކްލަބް ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ލިވަޕޫލްއާއެކު އާނޯލްޑު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ. ލިވަޕޫލުން ފީއެއްނެގުމަށް ބޭނުންވަނީ އެހެންވެގެނެވެ. ރިޕޯޓުތައް ބުނާ ގޮތުން، ރެއާލްއިން އާނޯލްޑު ކްލަބް ވޯލްޑް ކަޕަށް ގެންދަން ބޭނުންވަނީ، އެ ޓީމުގެ ގިނަ ޑިފެންޑަރުންތަކެއް އަނިޔާގައި ތިބުމުންނެވެ.
ލިވަޕޫލްގައި ކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު އާނޯލްޑަކީ ޑިފެންސް ކުރުމާއި އެޓޭކުގައިވެސް މޮޅު ކުޅުންތެރިއެކެވެ. އަދި ސެޓް-ޕީސްތަކުގައި މޮޅު ކުޅުންތެރިއެކެވެ. އޭނާ އަކީ އަންނަ ސީޒަނަށް ރެއާލް ވަރުގަދަކުރުމަށް ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާއެވެ.
އާނޯލްޑުގެ އިތުރުން، ކްލަބް ވޯލްޑް ކަޕަށް ރެއާލްގެ އައު ކޯޗިން މުވައްޒަފުން ވެސް ގުޅޭނެކަމަށް ބެލެވެއެވެ. އެ ޓީމާއި މިހާރުގެ ކޯޗު ކާލޯ އެންޗެލޮޓީ ހަދާފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމުމުން، އެ މަޤާމާއި ހަވާލުވުމަށް ހަމަޖެހިފައިވަނީ ރެއާލްގެ ޖާޒީގައި މޮޅު ކުޅުމެއް ދެއްކި ޒަބީ އަލޮންސޯއެވެ.
އަލޮންސޯގެ ކޯޗިންގެ ފުރަތަމަ ތަޖުރިބާ، ޖަރުމަނުގެ ބެޔާ ލެވަކޫސެންއާއެކު ފެނުނީ ވަރަށް އުޖާލާކޮށެވެ. އޭނާ ވަނީ ވިދިވިދިގެން 11 އަހަރު ލީގު ކާމިޔާބުކޮށްފައިވާ ބެޔާން މިއުނިކުގެ ރަސްކަން އެއް ސީޒަނަށް ނަމަވެސް ނިމުމަކަށް ގެނަސް، ލީގު ކާމިޔާބުކޮށް، ޔޫރޮޕާ ލީގުގެ ފައިނަލu ވެސް ކުޅެފައެވެ.