ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ރާއްޖެ އާއި އިންޑިއާގެ ކުރިމަތިލުމެއް

ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ރާއްޖެ އާއި އިންޑިއާގެ ކުރިމަތިލުމެއް

ބޫޓާން ކޮޅަށް ގޯލު ކާމިޔާބުކުރުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ، ފޮޓޯ: ސާފް

14 މޭ 2025، 09:06

ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލުން ޖާގަ ހޯދި ރާއްޖޭގެ ޓީމަށް ސެމީފައިނަލުގައި ނިކުންނަން ޖެހެނީ މުބާރާތް ބާއްވާ އިންޑިއާގެ ޓީމާ ދެކޮޅަށެވެ.

ރާއްޖެއިން ސެމީގެ ޖާގަ ޔަގީންކުރީ އިއްޔެ ބޫޓާން މެޗުން ލިބުނު ޕޮއިންޓާއެކު، ޖުމްލަ ދެ ޕޮއިންޓި ހޯދައިގެންނެވެ. މި ގްރޫޕުން ބޫޓާންއަށް 1 ޕޮއިންޓު ލިބުމުން އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕްގެ އެއްވަނަ ހޯދީ 3-0 އިން ބޫޓާން ބަލިކުރި ބަނގުލަދޭޝްއެވެ. އަދި ރާއްޖެއާ ބަނގުލަދޭޝް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެނެވެ.

އިއްޔެގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ބޫޓާންއެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ޅަމް ތެންޒިންއެވެ.

ނަމަވެސް ދެވަނަ ހާފުގައި ރާއްޖެއިން ފަހަތުން އަރާ ލީޑު ނެގިއެވެ. އެގޮތުން ފުރަތަމަ ގޯލު މެޗުގެ 75 ވަނަ މިނެޓުގައި އައިދު މުޙައްމަދު ޖަވީޒް ކާމިޔާބުކުރިއިރު، ރާއްޖެއަށް ލީޑު ނަގައިދިނީ އިތުރު ވަގުތުގައި އަޝްހަމް އިބްރާޙިމް މުޙައްމަދެވެ. ރާއްޖެއަށް މި މެޗުން ތިން ޕޮއިންޓު ގެއްލުނީ މެޗު ނިމުމުގެ ކުރިން ބޫޓާންގެ ޗޮގްޔެލް ޝެރަޕް ގޯލެއް ކާމިޔާބު ކުރުމުންނެވެ. 

ސެމީގައި ރާއްޖެ ކުރިމަތިލާން ޖެހޭ އިންޑިއާއަކީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ވަރުގަދަ ޓީމެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގެ ދެ މެޗުން 12 ގޯލު ޖަހާފައެވެ. އަދި އިދިކޮޅު ޓީމުތަކަށް އެ ޓީމުގެ ކޮޅަށް އެއްވެސް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހެވެ. ރާއްޖެއާ އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ އެ ދުވަހުގެ އިރުއޮއްސި 7 ޖަހާއިރެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS