ކުޅިވަރު
އެފްއޭއެމް ލީގު ކަޕް: މާޒިޔާއިން ބޮޑު ތަފާތަކުން މަހިބަނދޫ ބަލިކުރިއިރު ނިއުއަށް ފުރަތަމަ މޮޅު

މާޒިޔާގެ އަލީ ފާސިރު (ސެންޓޭ) ---
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި ރޭ ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބޮޑު ތަފާތަކުން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ. އަދި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗެއް ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗަށް ނިކުތްއިރު މާޒިޔާއަށް އޮތީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ. އެހެންކަމުން މާޒިޔާއިން މި މެޗަށް ނެރުނު ޓީމުގައި ޒުވާން ކުޅުންތެރިން ބޭނުންކުރިއެވެ.
މާޒިޔާއިން މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ 4 ގޯލު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރިއިރު، ހަސަން ރާއިފް އަޙްމަދު (ހަންނަ) ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އަދި ނާއިޒު ހަސަން (ދާދު) ވެސް ގޯލެއް ކާމިޔާބުކުރިއެވެ.
ދެވަނަ ހާފުގައި މާޒިޔާއަށް ގޯލުތައް ކާމިޔާބުކޮށްދިނީ ސެންޓޭ އާއި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަބްދުﷲ ލޫތު އިބްރާހީމްގެ އިތުރުން، 19 އަހަރުގެ މުޙައްމަދު ޒީކް އަޙުމަދެވެ.
މި ނަތީޖާއާއެކު މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ރެކޯޑު ވެސް މިހާރު އޮތީ މާޒިޔާގެ އަތުގައެވެ. އަދި އެޓީމު ވަނީ ގުރޫޕު ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ ލީގު ބުރުގެ އެއްވަނަ ހޯދުމާ ގާތަށް ޖެހިލާފައެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. ޓީސީއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1 އިންނެވެ.
މެޗުގެ ހުރިހާ ގޯލެއް ފެނުނީ ފަހު ހާފުގައެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއުރޭޑިއަންޓެވެ. ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކުރީ ނިއުރޭޑިއަންޓުގެ ބިދޭސީ ކުޅުންތެރިޔާ ރަފީގު އަމީންއެވެ. އަދި ޓީސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ޒަޔާން ނަސީރެވެ.
އެ ގޯލަށްފަހު މެޗު އިތުރަށް ފޯރިގަދަވެފައި ވަނިކޮށް، މޫސާ ޔާމިން ނިއުރޭޑިއަންޓަށް އަނެއްކާ ވެސް ލީޑު ނަގައިދިނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ރަފީގު ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗު ނިމެން 8 މިނެޓަށްވެފައި ވަނިކޮށް ނިއުރޭޑިއަންޓުގެ 4 ވަނަ ގޯލު ކާމިޔާބުކުރީ އާދަމް ނާސިހުއެވެ.