ކުޅިވަރު
ތަމްރީނުތަކަށް އެކަށޭނަ މާހައުލެއް ނެތުމުން ޒުވާން ޤައުމީ ވޮލީ ޓީމުގެ ކޯޗު ފުރައިފި

އީރާނުގެ ކުރީގެ ގައުމީ ކޯޗު އަލީ ޕޫރް އަރުޖީ އާއި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް، ފޮޓޯ: ޕީއެސްއެމް
ބޭނުންވާ ތަމްރީނުތައް ހެދުމަށް އެކަށޭނަ މާހައުލެއް ނެތުމުންކަމަށް ބުނެ ޒުވާން ޤައުމީ ވޮލީ ޓީމުގެ ކޯޗު ޓީމު ދޫކޮށް ފުރައިފިއެވެ.
އީރާނަށް ނިސްބަތްވާ، އަދި އީރާނުގެ ޤައުމީ ޓީމަށް ވެސް ކުރިން ކޯޗު ކޮށްދީފައިވާ އަލީ ޕޫރް އަރޫޖީ ރާއްޖެ އައީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފައިނަލްގައި ކުޅެ ރާއްޖެއަށް މެޑަލެއް ހޯދުމުގެ އަމާޒުގައި، މިދިޔަ މަހުއެވެ. އަދި އޭނާ މާލެ ދޫކޮށް ދިޔައީ ޕްރެކްޓިސް ކުރާނެ ހޯލެއް ނެތުމުން ކަމަށާއި އޭނާ ކުރަން އައި މަސައްކަތް ކުރެވެން ނެތުމުންކަމަށް ހާމަކޮށްފައިވެއެވެ.
"ރޯޑް ޓު އައިއޯއައިޖީ ފައިނަލް" މި ނަމުގައި އީރާނުގެ ކާމިޔާބު ކޯޗު އަލީ ޕޫރްއާއެކު 23 އަހަރުން ދަށުގެ ޤައުމީ ޓީމުތައް އެކުލަވާލުމުގެ ޚާއްސަ ޕްރޮގްރާމެއް ފެށީ 17 އޭޕްރީލް 2025 ގައެވެ. އެކަން ހާސިލްކުރަން ހުރި ގޮންޖެހުންތަކާ ހެދި އެ ކޯޗު ފުރި ނަމަވެސް، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ، އެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ.
ސަރުކާރަށް އިތުބާރު އެބައޮތް، ވޮލީގެ ފަރިތަކުރުންތަކަށް ޖާގަ ހަމަޖައްސައިދޭނެ ކަމުގެ. އީރާނު ކޯޗު ދިޔައީ ކުޅުންތެރިން ހަދަންޖެހޭ ޑައިވްތަކާއި، ޑްރިލްތައް ހެދޭނެ ގޮތެއް ނެތިގެން. އިންޑޯ ކޯޓުގެ ހާލަތު ހުރިގޮތުުން 80 އިންސައްތަ ފަރިތަކުރުންތައް ބާއްވަންޖެހެނީ އައުޓްޑޯގައި. އޭނާ ފުރައިގެން ދިޔަނަމަވެސް އަޅުގަނޑުމެން މިތިބީ ދޫކުރާ އުސޫލަކުން ނޫން.
ވީއޭއެމްގެ ރައީސް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، ޒުވާން ޤައުމީ ޓީމަށް އިރުޝާދުދޭ އިސް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އާއި ފަތުހުﷲ ވަހީދު (ފައްލޯ) ފައްލޯ އާއި ޑީޑީ ކޯޗުގެ އިރުޝާދުގެ ދަށުން ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާ ކަމަށެވެ.
ވީއޭއެމްއިން މަސައްކަތްކުރަމުން ދަނީ ވޮލީގެ ޤައުމީ ޖޫނިއަރ ޓީމުތައް ވެސް އެކުލަވާލުމަށެވެ. އެގޮތުން ވީއޭއެމްގެ ރައީސް ލަތީފް ކުރިން ވިދާޅުވީ، ޤައުމީ ޖޫނިއަރ ޓީމުތަކެއް ނެތުމުން ސީނިއާރ ވޮލީ ޓީމާ ދެމެދު ބޮޑު ފަރަގެއް އޮތް ކަމަށާއި، ދެމެހެއްޓެވިނި ކުރިމަގަކަށް އެ ފަރަގު ނައްތާލަން ޖެހޭކަމަށެވެ.