ކުޅިވަރު
ސަރަޙައްދީ ހޭންޑް ބޯލް މުބާރާތުގެ ކުއާޓަރގައި އީރާން އަތުން ރާއްޖެ ބަލިވެއްޖެ

ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025ގައި ރާއްޖޭގެ ޓީމުގެ ކުޅުންތެރިއަކު ބޯޅަ ޝޫޓް ކުރަނީ، ފޮޓޯ: ހޭންޑް ބޯލް މޯލްޑިވްސް
ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025ގެ ކުއާޓަރ ފައިނަލުގައި އީރާން އަތުން ރާއްޖެ ބަލިވެއްޖެއެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ޤައުމީ ބީޗް ހޭންޑްބޯޅަ ޓީމުން ވާދަކުރާ ފުރަތަމަ ފަހަރެވެ.
އޮމާންގެ މުސްކެޓުގައި ކުރިޔަށްދާ މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗު، އޭޝިއާގެ ގަދަބާރެއްކަމަށްވާ އީރާނުން ކާމިޔާބުކުރީ ދެ ގޭމުންނެވެ. އެއީ 14-8 އަދި 32-15އިންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޓީމުން ކުޅުނު ތިން މެޗުން ބަލިވެފައިވީ ނަމަވެސް، ދިވެހި ޓީމު ކުއާޓަރއިން ޖާގަ ހޯދީ، ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލައި މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަގަޅު އަށްވަނަ ޓީމުގެ ގޮތުގައެވެ.
މި މުބާރާތުގެ ކުއާޓާރ ފައިނަލާއި ހަމައިން ރާއްޖެ ކެޓިނަމަވެސް މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި މުޅިން އަލަށް ވާދަކޮށް ކުޅުންތެރިން ހޯދި ވަރަށް ރަނގަޅު ތަޖުރިބާއެކެވެ. އަދި މުބާރާތުގެ ގަދަ އަށެއްގައި ހިމެނުމަކީ ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެކެވެ.
ދިވެހި ޓީމު އޮމާނުން ފުރުމުގެ ކުރިން ރޭންކިންގް މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެ މެޗުގައި މިރޭ ރައްޖެ ގަޑިން 21:00 ގައި ދިވެހި ޓީމުން ނުކުންނާނީ ސައުދީއަރަބިޔާއާއި ދެކޮޅަށެވެ. މި ދެ ޓީމު ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025ގެ ގުރޫޕް ސްޓޭޖުގައި ވާދަކޮށްފައިވާއިރު، އެ މެޗު ސައުދީ ޓީމުން ކާމިޔާބުކުރީ 12-20 އަދި 8-20 ގެ ނަތީޖާއަކުންނެވެ.
6 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް އޮމާންގައި ކުރިއަށްދާ މި މުބާރާތުގައި މި އަހަރު ޖުމްލަ ނުވަ ގައުމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ނުވަ ގައުމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތަކަށްފަހު އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށް ވަނީ ކުއާޓާގެ ފުރުސަތު ލިބިފައެވެ.