ޚަބަރު
އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަނީ

ބިދޭސީން މޮނިޓަރ ކުރުމުގެ ހަރަކާތެއްގައި އިމިގްރޭޝަން އޮފިސަރެއް، ފޮޓޯ: އިމިގްރޭޝަން

ފަރުދުން
13 މޭ 2025، 02:08
13 މޭ 2025، 02:08
މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދުމަށް "ވޯކް އިން އިންޓަވިއު"އެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. އަދި މިއީ މިގޮތަށް އިމިގްރޭޝަންގެ އިންޓަވިއުއެއް ބާއްވާ ފުރަތަމަ ފަހަރުކަން ވަނީ އެ އިދާރައިން ހާމަކޮށްފައެވެ.
"އިމިގްރޭޝަން އޮފިސަރ ޓްރެއިނީ"ގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ސާނަވީ އިމްތިހާނުން މަދުވެގެން ދެ މާއްދާއިން "ޑީ" ފާސް ލިބިފައިވުމާއެކު، "ދިވެހި" މި މާއްދާއިން ސެކަންޑަރީ ނުވަތަ ހަޔަރ ސެކަންޑަރީ އިމްތިހާނަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެއެވެ. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައި އޮންނަން ޖެހެއެވެ.
މީގެ އިތުރުން އުމުރުން 40 އަހަރު ފުރިފައި ނުވުމަކީ ވެސް ޝަރުތެކެވެ.
We are Recruiting 50 Immigration Officer Trainees!
— Maldives Immigration (@ImmigrationMV) May 13, 2025
Get ready for walk-in interviews.
More details: https://t.co/MvfKkQ5v1g pic.twitter.com/yw8wwe4gp3
މި އިންޓަވިއު ބާއްވާނެ ތަނަކާއި ދުވަހެއް، ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
މި ވަޒީފާއަށް ހޮވޭ ފަރާތްތަކުން 6 މަސްދުވަހުގެ ކޯހެއް ފުރިހަމަ ކުރަންޖެހެއެވެ. މި ކޯހުގައި އިމިގްރޭޝަންގެ މަސައްކަތްތަކާއި، ޤަވާއިދުތަކާއި އަދި ބޭނުންވާ އެހެނިހެން ތަމްރީނު ހިމެނެއެވެ. އަދި މި މުއްދަތުގައި އިމިގްރޭޝަންގެ އެކި ސެކްޝަންތަކުގައި މަސައްކަތްކޮށް ޢަމަލީ ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ލިބެއެވެ.
ސެޓްފިކެޓް ލެވެލް 3ގެ މި ކޯހުން ފާސްވެއްޖެނަމަ، އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރގެ މަޤާމަށް، ވަޒީފާ ދާއިމީ ވާނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާ ދާއިމީވުމުން، ގާތްގަނޑަކަށް ވިހި ހާސް ރުފިޔާ ގެޔަށް ގެންދަން ލިބެއެވެ.
އިމިގްރޭޝަނަކީ ދިވެހިރާއްޖޭގެ ތަންފީޒީ އެއް އިދާރާއެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، ޕާސްޕޯޓު ދޫކުރުމާއި، ބިދޭސީންގެ ކަންކަން ރެގިއުލޭޓް ކުރުމަކީ އިމިގްރޭޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ.