ކުޅިވަރު

ބާފާ ބެޑްމިންޓަން ޗެލެންޖު: ފެނަކައާ މޭނާ ސްކޫލަށް ތަށި ދިފާއުކުރެވިދާނެތަ؟

ބާފާ ބެޑްމިންޓަން ޗެލެންޖު: ފެނަކައާ މޭނާ ސްކޫލަށް ތަށި ދިފާއުކުރެވިދާނެތަ؟

ސެމީފައިނަލްގައި ފެނަކަ އާއި ސްކޫލް ބައްދަލުކުރި މެޗުގައި އަޖުފާން، ފޮޓޯ: ބާފާ

13 މޭ 2025، 01:13

 ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުތައް މިރެއަށް ތާވަލުކޮށްފައިވާއިރު، ފެނަކައާ މޭނާ ސްކޫލުން ނިކުންނަނީ ތަށި ދިފާއުކުރުމަށެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކުރާނީ ހޮޅުދޫ ކައުންސިލާއި ފެނަކައެވެ. މީގެ ތެރެއިން ކައުންސިލް ޓީމުން ފައިނަލަށް ދަތުރުކުރީ ލީގު ބުރުން، ސީދާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްގެނެވެ. އަދި ފެނަކައިން ފައިނަލުގެ ޖާގަ ހޯދީ ސެމީފައިނަލްގައި މޭނާ ސްކޫލް ބަލިކުރުމަށްފަހުއެވެ. މި ނަތީޖާއާއެކު، ފާއިތުވި ތިން އަހަރު ފައިނަލް ކުޅެފައިވާ މޭނާ ސްކޫލަށް މި އަހަރު ފައިނަލުން ޖާގަ ލިބިފައެއް ނުވެއެވެ.

ފައިނަލްގައި ކުޅޭ ފެނަކަ ޓީމުން، ރާއްޖޭގެ އެންމެ މޮޅު ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު، އަދި ގައުމީ ލެވެލްގައި ކުޅެފައިވާ ނަޝީއު ޝަރަފުއްދީން ފެންނާނެއެވެ. އަނެއްކޮޅުން ކައުންސިލް ޓީމުގައި ގައުމީ ލެވެލްގައި ކުޅެމުން އަންނަ އިބްރާހިމް ޒަޔާން ހުންނާނެއެވެ.

އަންހެން ޑިވިޝަންގެ ފައިނަލުން ވެސް ހޮޅުދޫ ކައުންސިލް ޓީމުން ވަނީ ޖާގަ ހޯދާފައެވެ. ފައިނަލުގައި އެ ޓީމު ނިކުންނާނީ ވިދިވިދިގެން ތިން ތަށި ހޯދުމަށް ނިކުންނަ މޭނާ ސްކޫލް ޓީމާ ދެކޮޅަށެވެ. މި ފައިނަލުގައި ވެސް ގައުމީ ފެންވަރުގެ ކުޅުންތެރިއަކު ފެންނާނެއެވެ. އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ރިހި މެޑަލް ހޯދި ޝުބާ މުޙައްމަދު ޝަރީފު ފެންނާނީ މޭނާ ސްކޫލް ޓީމުންނެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 4 ޓީމު ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި 3 ޓީމު ވާދަކުރެއެވެ. އަދި މޭނާ ސްކޫލާއި، ހޮޅުދޫ ކައުންސިލާއި އަދި ހޮޅުދޫ ހެލްތު ސެންޓަރުން ދެ ޑިވިޝަނުގައި ވާދަކުރާއިރު، ފެނެކަ ވާދަކުރަނީ ހަމައެކަނި ފިރިހެން ޑިވިޝަނުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS