Ads by Aqeeqa Maldives

ޚަބަރު

ރަށްރަށުގައި މަސައްކަތް ނުހިނގާނަމަ އެއްބަސްވުންތައް ބާތިލުކުރެވޭނެ: ބަންޑާރަ ނައިބު

ރަށްރަށުގައި މަސައްކަތް ނުހިނގާނަމަ އެއްބަސްވުންތައް ބާތިލުކުރެވޭނެ: ބަންޑާރަ ނައިބު

ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 މޭ 2025، 11:14

13 މޭ 2025، 11:14

އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ރަށްރަށުގައި މަސައްކަތް ނުހިނގާނަމަ ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލުކުރެވޭނެކަމަށް ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރޭގަ ބޭއްވުނު ވަޒީރުންގެ އަހާ ފޯރަމްގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ފޯރަމްގައި ސަން ޓްރެވަލްސް ކުންފުންޏަށް ނ. މިނާވަރާއި އުއްދޫ ކުއްޔަށް ދޫކޮށްފައިވަނިކޮށް، އޭގެ ތެރެއިން އެއް ރަށުގެ އެއްބަސްވުން ބާތިލުކޮށް، އަނެއް ރަށުގެ އެއްބަސްވުން އައު ނުކޮށްދިނުމާ ގުޅޭގޮތުން ސުވާލު އުފެދުނެވެ.

ބަންޑާރަ ނައިބު ވިދާޅުވީ މި ދެ ރަށް ދޫކޮށްފައިވަނީ ވަކި ޕްރޮޕޯސަލެއް ހުށައެޅުމުން ވަކި މަސައްކަތްތަކެއް ކުރުމަށް އެއްބަސްވުމެއް އެކުލަވާލެވިގެން ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރިއަށްގެންދިޔަ ސަރވޭތަކުން އެ ރަށްރަށުގައި އެއްބަސްވުމާ އެއްގޮތަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރިއަށް ނުގެންދާކަން ފާހަގަވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްދޫއަކީ 25 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްކަމުން، ކުއްޔަށް ދޫކުރި މުއްދަތު ހަމަވުމުން އެއްބަސްވުން އައު ނުކުރަން ނިންމީކަމަށާއި، މިނާވަރުގައިވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާތީ އެއްބަސްވުމުގައިވާ ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަކޮށް، ނޯޓިސްދިނުމަށްފަހު އެއްބަސްވުން ބާތިލުކުރީކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މީގެއިތުރުން، އެހެން ރަށްރަށާއި ފަޅުތަކުގެ އެއްބަސްވުންތައްވެސް މިހާރު ރިވިއުކުރަމުންދާކަމަށާއި، މަސައްކަތް ހިނގަމުންނުދާ ރަށްރަށާއި ފަޅުތަކުގެ އެއްބަސްވުން ބާތިލުކުރެވޭނެކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. މިކަމަކީ ހަމައެކަނި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށަށް އެކަނި ނޫންކަމަށާއި، ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ފަޅާއި ރަށްރަށުގެ ތެރެއިންވެސް މަސައްކަތް ހިނގަމުންނުދާ ތަންތަން ގިނަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަން ޓްރެވަލްސްއަށް ނ. މިނާވަރު ކުއްޔަށްދީފައި ވަނީ 2010 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ދަނޑުވެރިކަމާއި ވެލިއުއެޑެޑް ޕްރޮސެސިންގ މަސައްކަތްކުރުމަށެވެ. އަދި ދ. އުއްދޫ ދޫކޮށްފައިވަނީ ވިޔަފާރި އުސޫލުންނެވެ. އެ ރަށުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެރަށް ސަރުކާރަށް ލިބުނުއިރު، އެ ރަށަކީ ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS