Ads by Aqeeqa Maldives

ޚަބަރު

ކާޅާއި ވާލާއެކު އުޅެން ދަސްކުރަންޖެހޭ: މިނިސްޓަރ މާރިޔާ

ކާޅާއި ވާލާއެކު އުޅެން ދަސްކުރަންޖެހޭ: މިނިސްޓަރ މާރިޔާ

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މަރިޔަމް މާރިޔާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 މޭ 2025، 10:07

13 މޭ 2025، 10:07

ކާޅާއި ވާލަކީ މިވަގުތު ޕެސްޓަކަށް ވެފައިވާ އެއްޗެއްކަމުގައި ވިޔަސް، އެ ދިރޭތަކެތި މަރާލުމުގެ ބަދަލުގައި އެތަކެއްޗާއެކު އުޅެން ދަސްކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ރޭގަ ބޭއްވި އަހާފޯރަމްގައި ރައްޔިތެއްގެ ސުވާލަށް  ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ކާޅާއި ވާލުގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ ވުޒާރާތަކެއް މަސައްކަތް ކުރަމުންދެއެވެ. މީގެ ތެރޭގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޓޫރިޒަމް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި މިނިސްޓްރީ އޮފް ޑިފެންސް ހިމެނެއެވެ.

އަޅުގަނޑުމެން އެބަ ދަސްކުރަންޖެހޭ ކާޅާއި ވާލާ އެކީގައި އުޅެން. އެހެންނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަން ހަމަ ކާޅާއި ވާލަކީ މިވަގުތު ޕެސްޓަކަށް ވެފައި އޮތް އެއްޗެއްކަން

މިނިސްޓަރ މާރިޔާ

މި މައްސަލައަށް ހައްލު ހޯދުމަށް ބޭރުގެ ޤައުމުތަކުގެ ކޮންފަރެންސްތަކުގައި ބައިވެރިވެ، އީޕީއޭއާ އެކު މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ފަހަކަށް އައިސް ދެތިން ރަށެއްގައި ވާތަކެއް މަރާލާފައިވާ ކަމަށާއި، ނަމަވެސް މިއީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ހަޤީޤަތުގައި ވާލާއި ކާޅާ މަރާކަށެއް ބޭނުމެއް ނުވޭ. އެ ދިރޭ ތަކެއްޗަށް ހިމާޔަތްތެރިކަން ދޭން ބޭނުންވަނީ  

މިނިސްޓަރ މާރިޔާ

މި މައްސަލައަށް ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާގެ "ފަސް މިލިއަން ގަސް" މަޝްރޫޢުގެ ދަށުން އިތުރު ގަސް އިންދުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ދިރޭތަކެތި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް  ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS