ޚަބަރު
ކުށުގެ ވެށްޓަށް ކުޑަކުދިން ހުށައެޅުމަކީ ކުށެއް، މިފަދަކަންކަން ކުރާމީހުން ހައްޔަރުކޮށް ޤާނޫނީ ފިޔަވަޅު އަޅާނަން: ވަޒީރު އިޙްސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ކުށުގެ ވެށްޓަށް ކުޑަކުދިން ހުށައެޅުމަކީ ކުށެއްކަމަށް ޤާނޫނުތަކަށް އަލަށް ގެނެވުނު އިސްލާހުތަކުގައި ބަޔާންކުރާ ކަމަށާއި، އެކަން ކުރާ މީހުން ހައްޔަރުކޮށް ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރޭގަ ބޭއްވުނު އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މިހާތަނަށް އައިރު ކުށުގެ މާޙައުލުގައި އުޅޭކަމަށް 400 އެއްހާ ކުދިން ރިކޯޑުކުރެވިފައިވާ ކަމަށެވެ. އަދި ކުށަށް އަރައިގަތުމުގެ ރިސްކު އޮތްކަމަށް ރިކޯޑުކުރެވިފައިވާ ކުދިންނާއެކު މި އަދަދު 1000 އަށްވުރެ އިތުރުވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި 1000 ކުދިންނަށް އަޅާނުލައިފިނަމަ، ކުރިއަށް އޮތްތަނުގައި ފެންނާނީ ޖަލުން. ނޫނީ އެވަރުގެ ކުށަކަށް އަރައިގަންނަތަން. އެހެންވެގެން އަޅުގަނޑުމެން ހޯޕް އައިލެންޑްގެ ނަމުގައި ރަށެއް މިއަޅަނީ
ވަޒީރު
ހޯޕް އައިލެންޑަކީ ކުށުގެ މާޙައުލުގައި ހަރަކާތްތެރިވަމުންދާ އަދި ކުށުގެ މާޙައުލަށް ހުށައެޅުމުގެ ރިސްކު އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ތަރައްޤީކުރާ ރަށެކެވެ. މި ރަށުގައި އެފަދަ ކުދިންނަށް ބޭނުންވާ ހުރިހާ ފެސިލިޓީތަކެއް ހުންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށްޓަކައި ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމާއި، ޤާނޫނުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުން ފަދަ އިޖުތިމާޢީ ގިނަ މައްސަލަތަކެއް ހައްލުކުރަންޖެހޭކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހޯޕް އައިލެންޑް އެޅެންދެންވެސް ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމްތައް ހިންގަމުންދާ ކަމަށާއި، އެފަދަ ކުދިންނަށް ބޭނުންވާ ނަފްސާނީ އެކިއެކި ފަރުވާ ދިނުމަށް މީހުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، ޖިނާޢީ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު 14 އަހަރަށް ދަށް ކުރުމަށް ސަރުކާރުން ނިންމަވާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީވެސް ކުށުގެ މާޙައުލުން ކުޑަކުދިން ދުރުކުރުމަށްޓަކައި ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، ކުށުގެ މާޙައުލަށް ކުޑަކުދިން ހުށައެޅުން ކުށެއްގެ ގޮތުގައި މީގެ ކުރިން ނުބެލި ނަމަވެސް، މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު އެކަމަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. އެހެންކަމުން ކުށުގެ މާޙައުލަށް ކުޑަކުދިން ނެރޭ މީހުން ހައްޔަރުކޮށް، ޕްރޮސިކިއުޓްކޮށް، އެ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.