Ads by Aqeeqa Maldives

ޚަބަރު

އައިސް ލިބުމުގެ ދަތިކަން މި ފަސް އަހަރު ތެރޭގައި އެއްކޮށް ޙައްލު ވާނެ: ވަޒީރު ޝިޔާމް

އައިސް ލިބުމުގެ ދަތިކަން މި ފަސް އަހަރު ތެރޭގައި އެއްކޮށް ޙައްލު ވާނެ: ވަޒީރު ޝިޔާމް

ގެމަނަފުށީ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ ތެރެއިން - 27 ފެބުރުއަރީ 2025، ފޮޓޯ: މިފްކޯ

12 މޭ 2025، 10:41

އައިސް ލިބުމުގެ ދަތިކަން މި ފަސް އަހަރު ތެރޭގައި އެއްކޮށް ޙައްލު ވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރު ވެސް ތިން އައިސްޕްލާންޓެއްގެ މަސައްކަތް ފަށައިގެން ކުރިޔަށްގެންދާ ކަމަށެވެ. އެއީ ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫގައި ސަރުކާރުން ގާއިމްކުރާ އައިސްޕްލާންޓްތަކެވެ. މިއީ މިދިޔަ އަހަރު ސެޕްޓެންބަރު ފެށި މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ 8 މަސް ދުވަހުން ނިންމުމަށެވެ.

އަދި އިތުރު ފަސް އައިސް ޕްލާންޓެއްގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި ފަސް އައިސް ޕްލާންޓުގެ މަސައްކަތް މިހާރު އޮތީ ބީލަންތައް އިވެލުއޭޓް ކުރުމުގެ މަރުހަލާގައިކަމަށް ވިދާޅުވިއެވެ. މިއީ ސައުދީ ފަންޑުން ކުރިޔަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކެކެވެ. 

ވަޒީރު ވިދާޅުވީ، މިހާރު މަސައްކަތް ކުރިޔަށްދާ ތިން އައިސްޕްލާންޓް، ކުރިޔަށް އޮތް ދޭއް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ. 

މީގެ އިތުރުން، އިތުރު ތިން އައިސްޕްލާންޓަކާ އެކު މި އަހަރު އެކަނި ވެސް 11 އައިސް ޕްލާންޓުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ދިވެހި ރާއްޖޭގެ އައިސް އެވެއިލެބިލިޓީއަށް އިތުރު 700 ޓަނު އިތުރުކުރުން.

ވަޒީރު ވިދާޅުވިއެވެ.

މިކަން ހާސިލްކުރުމަށް ޖުމްލަ 17 އައިސްޕްލާންޓު ޤާއިމްކުރަންޖެހޭކަމަށް ވަޒީރު ފާހަގަކުރެއްވެވިއެވެ. 

މި މަސައްކަތުގެ އިތުރުންވެސް ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް ބޭނުންވާ އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS