Ads by Aqeeqa Maldives

ޚަބަރު

ފާއިތުވި 18 މަހުން 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައި ވާނެ: ވަޒީރު އިޙްސާން

ފާއިތުވި 18 މަހުން 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައި ވާނެ: ވަޒީރު އިޙްސާން

ވަޒީރުންގެ "އަހާ" ފޯރަމްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ---

12 މޭ 2025، 10:04

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ފާއިތުވެގެން މި ދާ 18 މަސްދުވަހުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައި ވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިޔަށް ގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި، މަސްތުވާތަކެތީގެ މައްސަލަ މި ފަސް އަހަރު ޙައްލު ކުރެވޭނެތޯ އަހައި، އާންމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިހާތަނަށް އަތުލައިގެންފައި ވާނެކަމަށާއި، އެއީ ގާތްގަނޑަކަށް މަގުމަތީ އަގުން ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށެވެ. 

މި ފާއިތުވެގެން ދިޔަ 18 މަސްދުވަހުގެ ތެރޭގައި 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަޅުގަނޑުމެން ވާނީ އަތުލައިގެންފައި. އެއީ ގާތްގަނޑަކަށް މަގުމަތީ އަގުން ދަންނަވާނަމަ 1.4 ބިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި.

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށަށް އަރުވަން މަސައްކަތްކުރި 9،000އަށް ވުރެ ގިނަ ބަނގުރާފުޅި ވެސް މިހާތަނަށް އަތުލައިގަނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ހަމަ މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޕޯސްޓު މެދުވެރިކޮށް ފޮނުވާ މަސްތުވާތަކެއްޗާއި، އެއާރޕޯޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ޙާއްސަ ސަމާލުކަމެއް ދެމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މިކަމާއެކު، ހުއްޓުވޭ މަސްތުވާތަކެތީގެ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. 

އެއާއެކުގަ، ސީ ކާރގޯގައި މިހާރު މި އަންނަ ކޮންޓެއިނަރުތައް ސްކޭން ކުރުމަށްޓަކައި ކޮންޓެއިނަރ ސްކޭނާރއެއް ހޯދުމުގެ މަސައްކަތް މިހާރު މިދަނީ އަޅުގަނޑުމެން ކުރަމުން. އެހާ ހިސާބުން އިރާދަކުރެއްވިއްޔާ ސީ ބޯޑާރއިން މި (މަސްތުވާތަކެތި) އެތެރެކުރުމުގެ ކަންތައްތައް ޙައްލު ކުރެވޭނެ.

ވަޒީރު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަޒީރު ވިދާޅުވީ، މަސްތުވާތަކެތި ހުއްޓުވުމަށް މަސްތުވާތަކެތި ފަހާ ދުވުމުގެ ބަދަލުގައި، މިހާރުގެ ވިސްނުމަކީ އެ ތަކެތީގެ ވިޔަފާރިކުރާ މީހުން ހުއްޓުވުން ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބަލަނީ މަނީ ލޯންޑަރިންއަށް ފެތޭ ގޮތަށްކަމަށް ވެސް ވިދާޅުވިއެވެ. 

މަސްތުވާތަކެތި ވިއްކާ މީހުން، އަދި އޭގެ އެންމެ މުލުގަ ތިބޭ މީހުން، މަސްތުވާތަކެއްޗާ އެކުގަ، އެ އެއްޗެތި ވިއްކަމުންނެއް ނުވެއް ދޭ. އެ އެއްޗެހި އެމީހުން ވިއްކަނީ ދެތިން ލޭޔާރ އެއް އަޅައިގެން އެ މީސްމީހުން ލައްވާ. ގިނަ ފަހަރަށް އަޅުގަނޑުމެނަށް ޕޮލިސް އޮޕަރޭޝަންތަކުން އަތުވެފައި މި އޮންނަނީ އޭގެ މެދުތެރޭގައި ތިބޭ މީހުން، ނުވަތަ އެންމެ ދަށުގަ ހުންނަ މީހާ. އެމީހާ ކިތަންމެ ވަރަކަށް ހައްޔަރު ކުރިޔަށް މީގެ އަސްލާ ހިސާބަކަށް ނުދެވޭ.

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަސްތުވާތަކެތި ވިއްކާ މީހުން މިގޮތަށް ޢަމަލުކުރާތީ، އެމީހުން ހޯދުމަށް މަސްތުވާތަކެތިން ލިބޭ ފައިސާ ބެހިގެންދާގޮތް ބަލާ، މިކަމުގެ މުލުގައި ތިބޭ މީހުން ހޯދަމުންދާކަމަށެވެ. އެގޮތުން އެ މީހުންގެ ފައިސާ ހުއްޓުވައި، އެ މީހުންގެ ވިޔަފާރިތައް ވެސް ހިފަހައްޓާނެކަމަށް ވިދާޅުވިއެވެ. 

މީގެ ޕައިލެޓް އޮޕަރޭޝަނެއް ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ ރަށުގައި މަސްތުވާތަކެތި ވިއްކުމުގެ އެންމެ އަޑީގައި ތިބި މީހުން މިހާރު ހައްޔަރުކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. 

އެހެންކަމުން މި ގޮތަށް މަސައްކަތްކޮށް، މަސައްކަތަށް ޙައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS