ޚަބަރު
ޑްރައިވިން ޓްރެކް ހުޅުވައި ހިންނަވަރުން ލައިސަންސް ނެގޭނެ ގޮތް ހަމަޖައްސައިފި

ހިންނަވަރުގެ ޑްރައިވިން ޓްރެކް ހުޅުވުން، ފޮޓޯ: ހިންނަވަރު ކައުންސިލް
ޅ. ހިންނަވަރު ޑްރައިވިން ޓްރެކް ހުޅުވައި، އެ ރަށުން ލައިސަންސް ނެގޭނެ ގޮތް ހަމަޖައްސައިފިއެވެ.
މި ޓްރެކް ހުޅުވުމުގެ ގޮތުން ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު، މުޙައްމަދު އަބްދުއްރަޙްމާންއެވެ.
ހިންނަވަރުގައި މި ޚިދުމަތް ފެށުމާ ގުޅިގެން މެންބަރު މުޙައްމަދު ވިދާޅުވީ، މިއީ ބޮޑު މަޝްރޫޢެއް ނޫން ނަމަވެސް، މި ޚިދުމަތާއެކު ލިބިގެން މި ދިޔައީ ހިންނަވަރުގެ ގިނަ ޒުވާނުންތަކެއްގެ ޝަކުވާތަކަކަށް ޙައްލެއް ކަމަށެވެ. އަދި ރަށުން މި ޚިދުމަތް ލިބެން ފެށުމަކީ، ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ލައިސަންސް ނެގުމަށް އެހެން ރަށްރަށަށް ދިއުން ތަކުލީފަކަށްވެފައި ތިބި ފަރާތްތަކުން ލައިސަންސް ނަގައި، މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.
ވަރަށް ގިނަ ޒުވާން ޅަ ކުދިންގެ ޝަކުވާއަކަށް ވެފައި އޮތީ އަމިއްލަ ރަށުގައި ލައިސެންސް ނެގޭނެ ގޮތެއް ފަހިވެފައި ނެތުން. މިކަމާ ހެދި ބައެއް ކުދިން އެހެން ރަށަކަށް ނުވަތަ ތަނަކަށް ދާން މަސައްކަތަށް ލައިސެންސް ނެތި ސައިކަލް ދުއްވުން ވަނީ ޢާންމުވެސް ވެފައި. ނަމަވެސް، މިއަދު މި ހުޅުވުނު ލައިސެންސް ޓްރެކާއެކު މި މައްސަލަ މުޅިން ހައްލުވެގެން ދާނެ ކަމަށް އަޅުގަނޑު ޤަބޫލް ކުރަން.
މެންބަރު މުޙައްމަދު ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މީގެ އިތުރުން، މި ކަން ފުރިހަމަ ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އާއި ހިންނަވަރު ކައުންސިލާއި އަދި ސަރުކާރުން ކުރެއްވި މަސައްކަތަށް މެންބަރު މުޙައްމަދު ވަނީ ޝުކުރު ދަންނަވާފައެވެ.
މި މަސައްކަތާ ގުޅިގެން "ފަރުދުން" އަށް ދެއްވި އިންޓަވިއުއެއްގައި ހިންނަވަރު ކައުންސިލްގެ ރައީސް ޙަސަން ޝާފިޢު ވިދާޅުވީ، ދިމާވި ގިނަ ގޮންޖެހުންތަކާ ގުޅިގެން އުއްމީދުކުރި ވަރަށްވުރެ ޑްރައިވިން ޓްރެކްގެ މަސައްކަތް ދިގުލައިދިޔަކަމަށެވެ. އެގޮތުން ތިން މަރުހަލާއަކަށް ބަހާލައިގެން މަސައްކަތް ކުރިޔަށް ގެންދިޔައިރު، ކޮންމެ މަރުހަލާއެއްގައި ވެސް ލަސްތަކެއް އައިކަން ފާހަގަކުރެއްވެވިއެވެ.
ހިންނަވަރުން ލައިސަންސްގެ ޚިދުމަތް ފެށުމާއެކު، މި ޚިދުމަތަށް ދެ ގޮތަކަށް އެދެވިދާނެއެވެ. އެއް ގޮތަކީ ކައުންސިލް އިދާރާއަށް ދުރުވެ މުނިސިޕަލް ސާރވިސް ޔުނިޓުގެ އެހީތެރިކާއެކު ޚިދުމަދަށް އެދުން ކަމުގައި ޝާފިޢު ވިދާޅުވިއެވެ. މީގެ އިތުރުން އީފާސް މެދުވެރިކޮށް "ސިމްސް" ޕޯޓަލްގެ ތެރެއިން ވެސް މި ޚިދުމަތަށް އެދެވެއެވެ. އެއަށްފަހު ތިއެރީ ޓެސްޓާއި ޕްރެކްޓިކަލް ހެދުމަށް ވަޑައިގަންނަންޖެހޭ ވަގުތުތައް ކައުންސިލް އިދާރާއިން އަންގާނެކަމަށް ޝާފިޢު ވިދާޅުވިއެވެ.
އިއްޔެ މި ޚިދުމަތް ފެށިއިރު، ހެވީ ވެހިކަލް ހިމެނޭހެން ހުރިހާ ކެޓަގަރީއެއްގެ ވެހިކަލެއް ދުއްވުމުގެ ލައިސަންސް ހިންނަވަރުން މިހާރު ނެގޭނެކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.