ކުޅިވަރު

ރެއާލް ބަލިކޮށް ލީގު ތަށި އަތުޖެހޭހާ ކައިރިއަށް ބާސެލޯނާ ޖެހިލައިފި

ރެއާލް ބަލިކޮށް ލީގު ތަށި އަތުޖެހޭހާ ކައިރިއަށް ބާސެލޯނާ ޖެހިލައިފި

ގޯލު ކާމިޔާބު ކުރުމަށްފަހު ރަފީނިއާ އުފާފާލޫކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް

12 މޭ 2025، 12:05

ސްޕެނިޝް ލަ ލީގާގައި ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު، ލީގު ތަށި އަތުޖެހޭހާ ކައިރިއަށް ބާސެލޯނާ ޖެހިލައިފިއެވެ. މި ނަތީޖާއާއެކު، ބާސެލޯނާއާ އޮތް ފަރަގު ކުޑަކުރުމަށް ރެއާލްއަށް ލިބުނު ފުރުސަތު ވެސް މިވަނީ ބޭކާރުވެފައެވެ. 

ބާސެލޯނާގެ އެސްޓަޑި އޮލިމްޕިކް ލުއި ކޮމްޕެނީގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ، ރެއާލްއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރާ 4-3 އިންނެވެ. އެހެންކަމުން ބާސެލޯނާއަށް މިހާރު ވަނީ ދެވަނައިގައި އޮތް ރެއާލްއަށް ވުރެ 7 ޕޮއިންޓު އިތުރަށް ލިބިފައެވެ. އަދި ލީގުގައި ބާކީ 3 މެޗު އޮތްއިރު، އެ ތަނުން އެއް މެޗު ކާމިޔާބު ކުރިވުނަސް، ބާސެލޯނާއަށް ކްލަބުގެ ތާރީހުގައި 28 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރެވޭނެއެވެ.

އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ހިތި ގޮތަކަށް މުބާރާތާ އަލްވަދާލު ކިޔަން ޖެހުނު ނަމަވެސް، ބާސެލޯނާއިން މިވަނީ އެ ޓީމުގެ ފެންވަރު ސާބިތުކަމާއެކީ އެންމެ ވާދަވެރި ރެއާލްގެ ކައިރީގައި ދައްކާލާފައެވެ.

މެޗުގެ ކުރީކޮޅު ކީލިއަން އެމްބައްޕޭގެ ދެ ގޯލުން ރެއާލް ވަނީ ލީޑު ނަގާފައެވެ. އޭނާގެ ފުރަތަމަ ގޯލަކީ ބާސެލޯނާގެ ގޯލްކީޕަރު ވޮޒްނިއެކް ޝެޒްނީ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. އަދި އޭގެ 9 މިނެޓު ފަހުން އޭނާ ވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނުނިމެނީސް ބާސެލޯނާއިން ރެއާލްގެ މި ލީޑު އަނބުރާލިއެވެ. އެގޮތުން 19 ވަނަ މިނެޓުގައި އެރިކް ގާސިއާ ބާސެލޯނާގެ ފުރަތަމަ ގޯލު ކާމިޔާބުކުރިއިރު، ލެމީން ޔަމާލްގެ ގޯލަކުން 32 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. އެއަށްފަހު 34 ވަނަ މިނެޓާއި 45 ވަނަ މިނެޓުގައި ރަފީނިއާ ދެ ގޯލު ކާމިޔާބުކުރުމުން، ބާސެލޯނާއަށް ހަމަޖެހިލާނެ ވަގުތު ލިބުނެވެ. 

ފަހު ހާފުގައި އެމްބައްޕޭ އޭނާގެ ހެޓްރިކް ފުރިހަމަކުރި ނަމަވެސް، މެޗުގެ ނަތީޖާ އަނބުރައެއް ނުލެވުނެވެ. 

އެމްބައްޕޭ ވަނީ މި ސީޒަނުގައި މިހާތަނަށް 39 ގޯލު ކާމިޔާބުކޮށްފައިވެއެވެ. މިއީ ރެއާލް މެޑްރިޑަށް ބަދަލުވި ފުރަތަމަ ސީޒަނުގައި ކުޅުންތެރިއަކަށް މިހާ ގިނަ ގޯލު ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. 

މީގެ އިތުރުން، މި ނަތީޖާއާއެކު މި ސީޒަނުގެ ހުރިހާ އެލް-ކްލެސިކޯއެއް ކާމިޔާބުކޮށްފައި މިވަނީ ބާސެލޯނާއެވެ. ބާސެލޯނާ ވަނީ ލީގުގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ފައިނަލާއި ކޮޕަ ޑެލް ރޭ ފައިނަލް ވެސް ކާމިޔާބުކޮށްފައެވެ.

ބާސެލޯނާއިން ހަތަރު ކްލެސިކޯ އެއް ސީޒަނެއްގައި މި ކާމިޔާބުކުރީ 1982-83 ވަނަ ސީޒަނަށްފަހު އަލަށެވެ. 

މި ސީޒަންގެ އެލްކްލެސިކޯ ހަތަރު މެޗުން ރެއާލްކޮޅަށް ބާސެލޯނާއިން ވަނީ 16 ގޯލު ކާމިޔާބުކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS