ދުނިޔެ
ހަމަލާތައް ބަދަލުކުރުން ހުއްޓާލައި ޕާކިސްތާނާއި އިންޑިއާ ޢާންމުންގެ ދިރިއުޅުން ޢާންމުޙާލަތައް ގެނައުމަށް މަސައްކަތްކުރަނީ

ސްރީނަގަރުގެ މާކެޓް އޭރިއާ
ހުލާސާ
ޕާކިސްތާނާއި އިންޑިއާ ދެމެދު ބަދަލުކުރެވެމުންދިޔަ ހަމަލާތައް ހުއްޓާލުމާއި އެކު ދެޤައުމުގެ ޢާންމުންގެ ދިރިއުޅުން ޢާންމުޙާލަތައް ގެނައުމަށް މަސައްކަތްކުރަން ފަށައިފިއެވެ.
އެގޮތުން ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ އެއަރސްޕޭސް ފްލައިޓްތަކަަށް ބަންދުކުރުމަށްފަހު މިހާރު ވަނީ ހުރިހާ ފްލައިޓްތަކަކަށް އެސަރަހައްދު ހުޅުވާލައިފިއެވެ.
ޕާކިސްތާން އެއާޕޯޓް އޮތޯރިޓީ (ޕީއޭއޭ) އިން ބުނީ އެޤައުމުގެ ވައިގެ ސަރަހައްދުގައި ހުރިހާ ބާވަތެއްގެ ދަތުރުތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ނޫހެއްކަމަށްވާ ޑޯން ބުނީ ކުރިން ހިނގި ހަމަލާބަދަލުކުރުން ތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ފަސިންޖަރު މަތިންދާބޯޓުތަކާއި އެހެނިހެން ސާމާނު ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާތީ ފްލައިޓް އޮޕަރޭޝަންތައް އާންމު ހާލަތަށް އަންނަން އަދިވެސް ވަގުތު ނަގާފާނެ ކަމަށެވެ.
ޓްރެކިން ވެބްސައިޓް ފްލައިޓްރަޑާ24 އިން ވެސް އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދު އަނެއްކާވެސް ހުޅުވާލާފައިވާ ކަމަށެވެ.
ހަމަމިއާއިއެކު އިންޑިއާ ސަރުކާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސްރީނަގަރުގެ މާކެޓް ހުޅުވާކަމުގެ އިއުލާނުވެސް ވަނީ ކޮށްފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އިއުލާން ކުރިތާ އެއް ދުވަސް ފަހުން އިންޑިއާގެ ވެރިކަމުގައި އޮންނަ ކަޝްމީރުގެ މައި ސިޓީ ސްރީނަގަރުގެ މަގުތަކަށް ވަނީ ހަމަޖެހުން އަނބުރާ އައިސްފަ އެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ވައިގެ ހަމަލާތަކުުގެ ބިރަށް އާންމުން ތިބީ އެބައިމީހުންގެ ގޭގޭގައެވެ.
ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޢާންމުގޮތެއްގައި ތިބޭހެން ބޭކަރީ ފިހާރަތަކުގެ ބޭރުގައި މީހުން މަޑުކޮށްގެން ތިއްބެވެ.
"ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ އަޑުއަހާފައި ވަރަށް އުފާވި، އެކަމަކު ދެން ރޭ ވައިގެ ތެރޭގައި އިތުރު ގޮވުންތަކެއް އަޑު އިވުނު. އެކަމުގެ ސަބަބުން އަހަރެމެން އެންމެން އަނެއްކާވެސް ބިރުގަނެ ހާސްވެފައި މިތިބީ، އަހަރެމެން އެއްވެސް ޤައުމަކަށް އިތުބާރެއް ނުކުރަން. ކޮންމެ ވަގުތަކުވެސް އެމީހުންގެ ވިސްނުން ބަދަލުކޮށްލަފާނެ.” ބޭކަރީގެ ރޮށި ލައިނުގައި މަޑުކޮށްގެން ހުރެ ޝަކީލާ ޖާން ބުންޏެވެ.
ހަމަލާތައް ހުއްޓާލުމުގެ ޚަބަރުތަކާއި އެކު ޕާކިސްތާނާއި އިންޑީއާގެ އާންމުންދަނީ އުފާފާޅުކުރަމުންނެވެ.