ދުނިޔެ
ސަޢޫދީ އާއި ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ޔަމަނުގެ މަސްރަޙު އިތުރަށް ގޯސްވެއްޖެ
ޔަމަނުގެ ސަރަހައްދެއް. ފޮޓޯ: އޭއެފްޕީ
ޔަމަނުގެ އެކި ސަރަޙައްދުތަކުގައި ޙޫޘީންނާއި ސަޢޫދީގެ ފައުޖުތަކާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ވަރުގަދަވެ، ޔަމަނުގެ އިންސާނީ ޙާލަތު އިންތިހާއަށް ގޯސްވެ، ލައްކަޔަކަށް ވުރެ ގިނަ އާންމުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފިއެވެ.
ޔަމަނުގައި ހިނގުރާމަ ހިނގަމުންދާ ސަރަހައްދުތަކަށް ބަލާއިރު، އަލް-ޖައުފް އަދި މާރިބްގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކަށް ފަހު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން ބުނެއެވެ. މީގެ އިތުރުން ތަޢިއްޒާއި ލަޙިޖުގެ އެކި ސަރަޙައްދުތަކުގައި ވެސް ދެ ފަރާތުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.
ހަނގުރާމައިގެ ސަބަބުން އާންމުންނަށް ލިބެމުންދާ ގެއްލުންތައް ބޮޑުވެފައިވާއިރު، އދ. އިން ހާމަކުރި ގޮތުގައި އޮގަސްޓް މަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 330،000 މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ގޮސްފައެވެ. މީގެ ތެރޭގައި ތަޢިއްޒު ޕްރޮވިންސުން އެކަނިވެސް ގާތްގަނޑަކަށް 140،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހީދޭ ޖަމާޢަތްތަކުން އިންޒާރު ދީފައިވާ ގޮތުގައި، ޙާލަތު ގޯސްވުމުގެ ސަބަބުން ތަޢިއްޒުގައި ތިބި 800،000 އަށް ވުރެ ގިނަ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ހުރަސްއެޅިފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް 6 އިން ނޮވެމްބަރު 8 އާ ދެމެދު ހިނގި ހަނގުރާމަތަކުގައި 2،098 މީހުން މަރުވެ، 9،657 މީހުން ވަނީ ޒަޚަމްވެފައެވެ.