ކުޅިވަރު

ބެޔާންއިން ޗެމްޕިއަންސް ޝީލްޑް އުފުލާލައިފި – ކޭން އާއި މުލާރއަށް ތަފާތު ދެ އިޙުސާސެއް

ބެޔާންއިން ޗެމްޕިއަންސް ޝީލްޑް އުފުލާލައިފި – ކޭން އާއި މުލާރއަށް ތަފާތު ދެ އިޙުސާސެއް

ބެޔާންއިން ޗެމްޕިއަންސް ޝީލްޑް އުފުލާލުން، ފޮޓޯ: ގެޓީ އިމޭޖަސް

11 މޭ 2025، 08:23

ޖަރުމަން ބުންޑަސްލީގާގެ ޗެމްޕިއަން ބެޔާން މިއުނިކުން ޗެމްޕިއަންސް ޝީލްޑް އުފުލާލައިފިއެވެ. ލީގުގައި ބާކީ އެއް މެޗު އޮއްވައި ޗެމްޕިއަނުންނާއި ޝީލްޑް ހަވާލުކޮށްފައި މިވަނީ، ރޭ އެ ޓީމުން ބޮރޫޝިއާ މޮންޗެންގްލަޑްބާޚްއާ ދެކޮޅަށް ކުޅުނު މެޗަކީ ބެޔާންގެ ދަނޑުގައި ކުޅޭ ލީގު ފަހު މެޗަށް ވާތީއެވެ.

ރެއަކީ ބެޔާންގެ ދެ ފޯވާޑުން ކަމުގައިވާ ހެރީ ކޭން އާއި ތޯމަސް މުލާރއަށް ތަފާތު ދެ އިޙުސާސެއް ގެނުވި ރެއެކެވެ. އެގޮތުން ކޭންއަށް މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބު ކުރެވުނު ފުރަތަމަ ޓްރޮފީއެވެ. އަނެއްކޮޅުން މުލާރއަށް ރޭގެ މެޗަކީ ބެޔާންގެ ދަނޑުގައި އެ ކްލަބަށް އޭނާ ކުޅެދޭނެ ފަހުމެޗެވެ. މި ސީޒަނަށްފަހު ބެޔާންއާއެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރުމަށް އެ ކްލަބާއި މުލާރ ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ރޭގެ މެޗުގައި ކޭން ވަނީ އޭނާގެ 25 ވަނަ ލީގު ގޯލު ވެސް ކާމިޔާބުކޮށްފައެވެ. މައިކަލް އޮލީސޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ކޭން ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. ބެޔާން ރޭގެ މެޗުގައި ޖެހި ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އޮލީސޭއެވެ. 

އެއް މެޗުގެ ސަސްޕެންޝަނަކަށްފަހު ރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނިކުތް ކޭން ވަނީ މުޅި ސީޒަނުގައި ވެސް ބެޔާންއަށް ފައިދާހުރި ކުޅުމެއް ދައްކާފައެވެ. 

އަދި ރޭގެ މެޗުގައި މެނުއެލް ނޯޔާރ ވެސް ވަނީ ކުޅެން ނިކުމެފައެވެ. ނޯޔާރ ކުޅެން މި ނިކުތީ އޭނާގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދެ މަސްދުވަހު މެޗެއް ނުކުޅެ ހުރުމަށްފަހުއެވެ. 

ބެޔާންގެ ކުޅުންތެރިއެއްގެ ގޮތުގައި އެ ކްލަބުގެ ދަނޑުގައި ފަހު މެޗު ކުޅުނު މުލާރ އަށް ރޭގެ މެޗަކީ ބެޔާންގެ ޖާޒީގައި އޭނާ ކުޅުނު 750 ވަނަ މެޗެވެ. އަދި ބެޔާންގެ އެލިއެންޒް އެރީނާގައި ކުޅުނު 355 ވަނަ މެޗެވެ. ބެޔާންއިން ވަނީ ރޭގެ މެޗު ފެށުމުގެ ކުރިން ރަސްމީކޮށް މުލާރއަށް އަލްވަދާއު ވެސް ކިޔާފައެވެ.  

މުލާރ ވަނީ ބެޔާންއާއެކު 13 ފަހަރު ލީގު ކާމިޔާބުކޮށްފައެވެ. އަދި 2 ފަހަރު ޗެމްޕިއަންސް ލީގާއި 2 ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. މިހާތަނަށް އަދި އެހެން ކްލަބަކަށް ކުޅެފައިނުވާ މުލާރގެ 13 ލީގު ތައްޓަކީ ޖަރުމަނުގެ ރެކޯޑެކެވެ. މި އަދަދަށް ޔޫރަޕްގައި ދެން ލީގު ކާމިޔާބުކޮށްފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ރްޔާން ގިގްސްއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS