ކުޅިވަރު

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު ފަށައިފި

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު ފަށައިފި

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލްންޖު 2025ގެ ފުރަތަމަ މެޗު، ފޮޓޯ: ބާފާ

09 މޭ 2025، 07:33

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު އިއްޔެ ހަވީރު ހޮޅުދޫ ސްޕޯޓްސް ސެންޓަރުގައި ފަށައިފިއެވެ. 

މި މުބާރާތުގައި އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ކުޅޭއިރު، ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެނަކަ އާއި މޭނާ ސްކޫލެވެ. މިއީ މި މުބާރާތުގައި ފާއިތުވި ތިން އަހަރުގެ ފައިނަލުގައި ވެސް ކުޅެފައިވާ ދެ ޓީމެވެ. އެ މެޗު 3-2 އިން ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ފެނަކައެވެ.

އިއްޔެ ވަނީ ފިރިހެން ޑިވިޝަނުގެ އިތުރު މެޗެއް ވެސް ކުޅެފައެވެ. އެ މެޗުގައި ހޮޅުދޫ ކައުންސިލުން ވަނީ ހޮޅުދޫ ސިއްޙީ މަރުކަޒުގެ މައްޗަށް 3-2 ގެ ކުރިހޯދާފައެވެ. 

އިއްޔެ ކުޅުނު އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ވާދަކުރީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. މި މެޗު ފަސޭހަކަމާއެކު 4-1 އިން ކާމިޔާބުކުރީ، ވިދިވިދިގެން ތިން ތަށި ކާމިޔާބު ކުރުމަށް ނިކުތް މޭނާ ސްކޫލެވެ. 

މި މުބާރާތުގައި މިއަދު ވެސް ފޯރި ގަދަ މެޗުތަކެއް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ފިރިހެން ޑިވިޝަނުގައި ހޮޅުދޫ ކައުންސިލާއި މޭނާ ސްކޫލް ބައްދަލުކުރާއިރު، މި ޑިވިޝަނުގެ ދެވަނަ މެޗުގައި ކުޅޭނީ ފެނަކަ އާއި ހޮޅުދޫ ހެލްތު ސެންޓަރެވެ. މިއަދު ކުޅޭ އަންހެން ޑިވިޝަނުގެ މެޗުގައި ބައްދަލު ކުރާނީ ހޮޅުދޫ ހެލްތު ސެންޓަރާއި ހޮޅުދޫ ކައުންސިލެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 4 ޓީމު ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި 3 ޓީމު ވާދަކުރެއެވެ. އެގޮތުން މޭނާ ސްކޫލާއި، ހޮޅުދޫ ކައުންސިލާއި އަދި ހޮޅުދޫ ހެލްތު ސެންޓަރުން ދެ ޑިވިޝަނުގައި ވާދަކުރާއިރު، ފެނެކަ ވާދަކުރަނީ ހަމައެކަނި ފިރިހެން ޑިވިޝަނުގައެވެ. 

މި ފަހަރުގެ މުބާރާތުގައި ޤައުމީ ލެވެލްގެ 4 ކުޅުންތެރިއަކު އަންނަނީ ވާދަކުރަމުންނެވެ. އެއީ ފިރިހެން ޑިވިޝަނުގައި ތިން ކުޅުންތެރިއަކާއި އަންހެން ޑިވިޝަނުގައި އެއް ކުޅުންތެރިއެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS