ޚަބަރު
ކުށުގެ ރިކޯޑު ސާފުކުރުން އީފާހުގެ ދަށަށް ބަދަލުކުރަން ޑީޖޭއޭއިން ހަމަޖައްސައިފި

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން. ފޮޓޯ: އަވަސް
ކުށުގެ ރިކޯޑް ސާފުކުރުން އީފާހުގެ ދަށަށް ބަދަލުކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފިއެވެ.
ޑީޖޭއޭއިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމް އީ-ފާސް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހަޅަން ޖެހެނީ އެ ޑިޕާޓްމެންޓްގެ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ.
އެ ޑިޕާޓްމެންޓުން އިތުރަށް ބުނެފައިވަނީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަކިވަކި ފަރުދުން މިހާރު ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެ ކަމަށެވެ.
އެހެން ނަމަވެސް ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމު ލިސްޓުތައް ކުރިއެކޭ ވެސް އެއްގޮތަށް ބަލައިގަންނާނެ ކަމަށް ވެސް ޑީޖޭއޭ އިން ބުނެފައިވެއެވެ.