ޚަބަރު
ކުރީގެ ސީޕީ ޢަލީ ޝުޖާޢުއަށް ޝަރަފުގެ ހަނދާނީ ފިލާ އަރުވައިފި

ކުރީގެ ސީޕީ ޢަލީ ޝުޖާޢުއަށް ޝަރަފުގެ ހަނދާނީ ފިލާ އެރުވުން، ފޮޓޯ: ޕޮލިސް
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއަށް ޝަރަފުގެ ހަނދާނީ ފިލާ އަރުވައިފިއެވެ. ކުރީގެ ސީޕީއަށް ޝަރަފުގެ ފިލާ އަރުވާފައި މިވަނީ، ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ޝުޖާޢު ރިޓަޔަރކުރެއްވުމާ ގުޅިގެންނެވެ.
މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި އޮތް ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޝުޖާޢު ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައި ވަނީ 18 އަހަރު ޚިދުމަތް ކުރެއްވުމަށްފަހުއެވެ. އެގޮތުން ޝަރަފުގެ ފިލާ އަރުވުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ޝުޖާޢު ވަނީ ފުލުހުންގެ ޚިދުމަތުގައި މި ހޭދަކުރެއްވި ދުވަސްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޝުޖާޢުއަށް އެރުވި ހަނދާނީ ފިލައަކީ ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.
ޝުޖާއު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑު ރޭންކަށް ކޮމިޝަނަރ ޢަލީ ޝުޖާޢު އިސްކުރެވުނީ 2008 ވަނަ އަހަރުއެވެ. އެއަށްފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ލީޑަރޝިޕް އަދި މެނޭޖްމަންޓް މަޤާމުތައް ފުރުއްވާފައިވެއެވެ.
ސީޕީގެ މަޤާމަށް ޝުޖާޢު އައްޔަންކުރެއްވީ، 2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ މަޤާމުން އޭނާ އިސްތިޢުފާދެއްވީ މިދިޔަ އޭޕްރީލްމަހުގެ 26 ވަނަ ދުވަހުއެވެ.