ކުޅިވަރު
އާސެނަލް ކަޓުވާލައި، ޕީއެސްޖީއިން އެމީހުންގެ ތާރީހުގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ފައިނަލަށް

ފުރަތަމަ ހާފުގައި ގޯލު ކާމިޔާބު ކުރުމަށްފަހު ފެބިއަން ރުއިޒް އުފާފާޅުކުރަނީ، ފޮޓޯ: އޭޕީ
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން 3-1 ގެ އެގްރިގޭޓް ސްކޯއަކުން އާސެނަލް ކަޓުވާލައި، ޕީއެސްޖީއިން އެމީހުންގެ ތަރީޙުގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ފައިނަލަށް ދަތުރުކޮށްފިއެވެ. ކުއާޓާ ފައިނަލުގެ ދެ ލެގުގައި ރެއާލް މެޑްރިޑް ބަލިކޮށްފައި އައި އާސެނަލްއަށް، ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ލިބުނީ ހިތްދަތިކަމެވެ.
ރޭގެ މެޗަށް އާސެނަލްއިން ފްރާންސްގެ ޕެރިހަށް ދަތުރުކުރީ 1-0 ގެ އެގްރިގޭޓް ސްކޯ ބަދަލުކުރުމަށެވެ. އެގޮތުން މެ ޓީމުން މެޗު ފެށީ ވަރުގަދަކޮށެވެ. ޕީއެސްޖީ އަކީ މިވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ ކްލަބުކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، އެ މީހުން ބަލި ކުރެވޭނެކަމުގެ އުއްމީދުގައެވެ.
ފޮނި އުއްމީދާއެކު ކުޅެމުންދިޔަ އާސެނަލް ހިފެހެއްޓުމަށް، ޕީއެސްޖީގެ ކީޕަރު، ޖިއަންލުޖި ޑޮނަރުއްމާއަށް މެޗުގެ ކުރީކޮޅު ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އޭނާ ވަނީ ގެބްރިއެލް މާޓިނެލީ އާއި މާޓިން އޮޑެގާޑުގެ ދެ ހަމަލާއެއް މެޗުގެ ކުރީކޮޅު ދިފާއުކޮށްފައެވެ.
ނަމަވެސް މެޗުގެ 17 ވަނަ މިނެޓުގައި ޕީއެސްޖީގެ ވިޗާ ވަރަޝެލިއާ ފޮނުވާލި ބޯޅައަކަށް ގޯލުގެ ދަނޑި ހުރަސްއެޅިތާ 11 މިނެޓުފަހުން، ފެބިއަން ރުއިޒް ވަނީ އާސެނަލްގެ ގޯލު ފޫއަޅުވާލާ އެ ޓީމަށް ލީޑު ނަގާދީފައެވެ.
މި ގޯލާއެކު 2-0 ގެ އެގްރިގޭޓް ސްކޯއެއް ބަދަލުކުރުމަށް އާސެނަލްއަށް އިތުރަށް އުނދަގޫވިއެވެ. ނަމަވެސް އެ ޓީމުން ކުރަމުން ދިޔަ މަސައްކަތަށް ބަދަލެއް ނާދެއެވެ.
ޕީއެސްޖީއަށް ވަނީ މެޗުގެ 69 ވަނަ މިނެޓުގައި ޕެނަލްޓީއެއް ވެސް ވަނީ ލިބިފައެވެ. މައިލް ލެވިސް-ކެލީގެ އަތުގައި ޕެނަލްޓީ އޭރިއާގެ ތެރެއިން ޖެހުމުން ލިބުނު މި ޕެނަލްޓީ ވިޓީނިއާ ފޮނުވާލިއިރު، އާސެނަލްގެ ގޯލްކީޕަރ ޑޭވިޑް ރާޔާ ވަނީ މަތަކޮށްފައެވެ.
އެހެންނަމަވެސް އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ތޯމަސް ޕާޓޭއަށް ސާފުކޮށްނުލެވުނު ބޯޅައެއް ހޯދައި، އަޝްރަފް ހަކީމީ ޕީއެސްޖީގެ ލީޑު ފުޅާކޮށްދިނެވެ. މި ގޯލާއެކު ބޮޑު ލީޑެއް ލިބުމުން ޕީއެސްޖީގެ ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދަވާން ފެށި ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ބުކާޔޯ ސަކާ ވަނީ ގޯލެއް ކާމިޔާބުކޮށް އާސެނަލްއަށް އުއްމީދެއް ހޯދައިދީފައެވެ.
އޭގެ އަށް މިނެޓު ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގޯލާ ވަރަށް ކައިރިން އިތުރު ފުރުސަތެއް ސަކާއަށް ލިބުނެވެ. ނަމަވެސް ގޯލު އޭރިއާގެ ރޮނގުމަތިން ކަހަލަގޮތަކަށް އޭނާ ގޯލަށް ޖައްސާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
އެގޮތުން 2-1 ގެ ނަތީޖާއެއްގައި އޮވެ މެޗު ނިންމާލުމަށް ރެފްރީގެ ކަށިގަނޑު ފުމެލުމާއެކު ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމް ހީވީ އުތުރިއެރިހެނެވެ. މިއީ މުބާރާތުގެ ފައިނަލުގައި އެ ޓީމުގެ ތާރީހުގައި ވެސް ވާދަކުރާނެ ދެވަނަ ފަހަރެވެ. އެ ޓީމުގެ ސަޕޯޓަރުންނާއި ގަތަރުގެ އޯނަރުން ވެސް ބޭނުންވަނީ ޗެމްޕިއަންސް ލީގު އުފުލާލައި ޔޫރަޕުގައި ރަސްކަންކުރުމުގެ އިހުސާސެވެ. އެއީ އެ ޓީމާއި ސަޕޯޓަރުންނަށް މިހާތަނަށް ކުރެވުނު އިހުސާސެއް ނޫނެވެ.