Ads by Aqeeqa Maldives

ޚަބަރު

މިސްފީއަކީ މުޖުތަމަޢުގެ ތަފާތު ބޭނުންތައް ފުއްދުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް: ރައީސުލްޖުމްހުރިއްޔާ

މިސްފީއަކީ މުޖުތަމަޢުގެ ތަފާތު ބޭނުންތައް ފުއްދުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް: ރައީސުލްޖުމްހުރިއްޔާ

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތު ---

07 މޭ 2025، 11:28

މިއަދު އިފްތިތާހު ކުރި މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއޭޓިވް، މިސްފީގެ ސަބަބުން މުޖުތަމަޢުގެ ތަފާތު ބޭނުންތައް ފުއްދުމަށްޓަކައި މާލީ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާ ދެމެދު މުހިންމު ގުޅުންތަކެއް އުފެދިގެން ދާނެ ކަމުގައި ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިސްފީ އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އޭގެ އިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަޙުމަދު މުނައްވަރު، އިސްލާމިކް ޔުނިވަރސިޓީ – އިސްލާމް ސެލެންގޯރުގެ ވައިސް ޗާންސެލާ، ޕްރޮފެސަރ މުޙައްމަދު ފަރީދު ރަވީ ބިން އަބްދުﷲގެ އިތުރުން ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފްސީއަކީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ގެނުވާނެ ފައިނޭންސިން މޮޑެލްއެއް ކަމަށެވެ. އަދި މިއީ މުޖުތަމަޢުގެ ތަފާތު ބޭނުންތައް ފުއްދުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިސްފީގެ ސަބަބުން އިޖުތިމާއީ ހަމަހަމަކަމަށް މަގުފަހިވެގެން ދިއުމާއި އިސްލާމީ ބޭންކިންގގެ އޮނިގަނޑުގެ ތެރެއިން އިޖްތިމާޢީ ބުރަތައް ލުއިކޮށްދިނުމަށް މުހިންމު ޙައްލުތަކެއް ލިގެން ދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، އެކުވެރިކަމާއި، އިންސާފުވެރިކަމާއި، އިޖްތިމާޢީ ހަމަހަމަކަމުގެ މަގުން މަގުދައްކައިދޭ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއޭޓިވް މަޝްރޫޢުން ޞަދަޤާތާއި، ވަޤުފާއި، އިސްލާމީ ކްރައުޑްފަންޑިންގ ފަދަ ވަސީލަތްތައް މުއައްސަސާތަކުގެ ތެރެއަށް ވައްދައި، އިސްލާމީ ބޭންކިންގގެ އޮނިގަނޑުގެ ތެރެއިން އިޖްތިމާޢީ ބުރަތައް ލުއިކޮށްދިނުމަށް މުހިންމު ޙައްލުތަކެއް ހުށަހެޅިގެންދާނެކަމަށެވެ.

މިއާއެކު ސަރުކާރުގެ ތަޞައްވުރަކީ ދިވެހިރާއްޖެ އަކީ އިސްލާމީ މާލީ ޚިދުމަތްތަކަށް އަމާޒުކޮށް، ޑިޖިޓަލް އިޤްތިޞާދީ ބަދަލުވުމަށް ބާރުއަޅާ، މުހިންމު މާލީ މަރުކަޒެއްގެ ގޮތުގައި ޤާއިމުކުރުންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

މީގެ އިތުރުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު އިސްލާމީ އިޤްތިޞާދާއި މާލީ ކަންކަމަށް ޤައުމީ މާސްޓަރ ޕްލޭނެއް އަދި ރޯޑް މެޕެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މި މާސްޓަރ ޕްލޭނުން ދިވެހިރާއްޖޭގައި އިސްލާމީ މާލީ ކަންކަމާއި ޑިޖިޓަލް އައު ގޮތްތަކަށް ފުރިހަމަ ނިޒާމެއް ކަނޑައަޅައިދޭނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS