ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ހިތްދަތި ގޮތަކަށް ބާސެލޯނާ ބަލިކުރުމަށްފަހު އިންޓަރ ފައިނަލަށް

ޗެމްޕިއަންސް ލީގުގައި ހިތްދަތި ގޮތަކަށް ބާސެލޯނާ ބަލިކުރުމަށްފަހު އިންޓަރ ފައިނަލަށް

މޮޅުވި ގޯލު ކާމިޔާބުކުރި ފްރާޓެސީ، ފޮޓޯ: ގެޓީ އިމޭޖަސް

07 މޭ 2025، 08:31

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ހިތްދަތި ގޮތަކަށް ބާސެލޯނާ ބަލިކުރުމަށްފަހު އިންޓަރ މިލާނުން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ. އިޓަލީގައި ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗު އިންޓަރއިން ކާމިޔާބުކުރީ 4-3 އިންނެވެ.

މިއީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ބަލާ ހިތްވާ އެއް ސެމީފައިނަލް މެޗަށް ވާނެކަން ހަމަޔަގީނެވެ. ފުރަތަމަ ހާފުގައި އިންޓަރއިން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް، ބާސެލޯނާއިން ވަނީ ފަހު ހާފުގައި ނަތީޖާ އަނބުރާލާފައެވެ. ނަމަވެސް ރެފްރީގެ ކަށިގަނޑާ ހަމައަށް ދިއުމުގެ ކުރިން އިންޓަރއިން އަނެއްކާ ވެސް މެޗުގެ ތެރެއަށް ވަދެ، އަމިއްލަ ދަނޑުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު އިތުރަށް ދަންމާލިއެވެ.

އިންޓަރއިން ވަނީ މެޗުގެ ކުރީކޮޅު މޮޅަށް ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން 21 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީޒްގެ ބޯޅައަކުން ލައުޓާރޯ މާޓިނޭޒް ލީޑު ނެގިއެވެ. އެ ގޯލަށްފަހު ބާސެލޯނާއިން ކުޅުން ރަގަޅު ކުރި ނަމަވެސް، އެ ޓީމުން އުފެއްދި ހަމަލާތައް ކާމިޔާބު ނުކުރެވި އުޅެނިކޮށް އިންޓަރއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމު ވަނީ ލީޑު ފުޅާކޮށްފައެވެ. މާޓިނޭޒްއަށް ކުރި ފައުލަކަށް ލިބުނު މި ޕެނަލްޓީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ހަކަން ޗަލަނޮލޫއެވެ.

ބާސެލޯނާއިން ދެވަނަ ހާފުގައި ކުޅުން އިތުރަށް ވަރުގަދަކުރިއެވެ. އެމީހުންގެ ހަމަލާތަކުގެ އެންމެ އަޑީގައި ބޮޑަށް ހަރަކާތްތެރިވެފައިވަނީ ލެމީން ޔަމާލްއެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފުގެ 15 މިނެޓުގެ ތެރޭގައި މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. އެ ޓީމުގެ ފުރަތަމަ ގޯލު އެރިކް ގާސިއާ ކާމިޔާބުކުރިއިރު، ނަތީޖާ ހަމަހަމަކޮށްދިނީ ޑެނީ އޮލްމޯއެވެ. މި ދެ ގޯލަށް ވެސް އެސިސްޓުކޮށްދިނީ ގެރާޑް މާޓިންއެވެ.

ތިން ވަނަ ގޯލާއެކު ބާސެލޯނާއިން ލީޑު ނެގީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މެޗުގައި މާފާހަގަކޮށްލެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ރަފީނިއާ ވަނީ މުހިންމު ދަނޑިވަޅެއްގައި މި ގޯލު ކާމިޔާބުކޮށް ލީޑު ނަގައިދީފައެވެ.

ނަމަވެސް އިތުރު ވަގުތުގައި އުމުރުން 37 އަހަރުގެ އަޗެރްބީ ވަނީ ގޯލެއް ކާމިޔާބުކޮށް، މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންޓަރއަށް ލީޑު ނަގައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެވިޑޭ ފްރަޓެސީއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން، ކަނާތްފަރާތުގައި ހުރުމަށްފަހު ވާތްފަރާތައް ފޮނުވާލި މި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. 

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޔަމާލް ވަނީ ރަގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ޔަން ސޮމާރގެ ހުޝިޔާރުކަމާއެކު ބާސެލޯނާއަށް ޖެހުނީ ސެމީފައިނަލުން މުބާރާތާ އަލްވަދާއު ކިޔާށެވެ. 

ފައިނަލުގައި އިންޓަރއަށް ބައްދަލުކުރަން ޖެހޭނީ ޕީއެސްޖީ ނުވަތަ އާސެނަލްއާއެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS