ޚަބަރު
މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫއިން ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު އެއްބަސްވުމަކަށް

މޯލްޑިވްސް ނެޝަނަލް ޔުނިވރަސިޓީއިން ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ޕީއެސްއެމް
މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވރަސިޓީ (އެމްއެންޔޫ)އިން ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެމްއެންޔޫއާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ- ސަދަން ކްރޮސް ޔުނިވަރސިޓީއާއި، މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއެވެ.
އެގޮތުން އޮސްޓްރޭލިއާގެ ސަދަން ކްރޮސް ޔުނިވަރސިޓީއާ ގުޅިގެން މަސައްކަތްކުރާނީ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށެވެ. މި ފަހުމުނާމާގެ ދަށުން ދިރާސާކުރުމާއި، ތަޢުލީމީގޮތުން އެކި ފުރުސަތުތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ތެރެއިން ފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން ހާމަކުރެއެވެ.
އޮސްޓްރޭލިއާގެ ޔުނިވަރސިޓީއާ ދެމެދު މި ވެވުނު އެއްބަސްވުމާ ގުޅިގެން ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއާއެއްގޮތަށް ފަތުރުވެރިކަމުގެ ސިނާޢަތާއި މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢައިޝަތު ޝެހެނާޒް އާދަމް ވަނީ ވިދާޅުވެފައެވެ. އަދި އޮސްޓްރޭލިއާ ޔުނިވަރސިޓީގެ އެގެޒެކެޓިވް ޖެނެރަލް މެނޭޖަރ ނިކޮލަސް ހައިޑް ވިދާޅުވީ މި ފަހުމުނާމާއާއެކު ދެޔުނިވަރސިޓީއަށްވެސް އެކި ގޮތްގޮތުން ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ.
މީގެ އިތުރުން މެލޭޝިއާގެ ޔުނިވާސިޓީއާއެކު ވެވުނު އެއްބަސްވުމާއެކު ސަރަހައްދީ އަދި ބައިނަލްއަޤުވާމީ އެކި މައްސަލަތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ދީނީ އަދި ޘަޤާފަތާއި އާދަކާދަތައް ދިރުވާއާލާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެކަމަށްވެސް ޔުނިވަރސިޓީއިން ހާމަކުރެއެވެ. ހަމައެއާއެކު މުވައްޒަފުންނާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ވެސް ޔުނިވަރސިޓީއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ދެވޭ މަތީ ތަޢުލީމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ދެވޭ ތަޢުލީމަށް ހެދުމަށް ޤައުމީ ޔުނިވަރސިޓީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މީގޮތުން އެކި ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް ތަޢުލީމީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ދަރިވަރުންނަށާއި، މުވައްޒަފުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެޔުނިވަރސިޓީންދަނީ މަސައްކަތް ކުރަމުންނެވެ.