ކުޅިވަރު
ބާފާ އިންޓާރ އޮފީސް ބެޑްމިންޓަން ޗެލްންޖު ފެށުމަށް ތައްޔާރުވެއްޖެ

އައިއޯއައިޖީ 2023 ގައި ރިހި މެޑަލް ހޯދި ޝުބާ ވެސް މިފަހަރު ބާފާ އިންޓާރ އޮފީސް ބެޑްމިންޓަން ޗެލްންޖުން ފެންނާނެ، ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ މަތީ ފަންތީގެ ކުޅުންތެރިން ފެނިގެންދާނެ ބާފާ އިންޓާރ އޮފީސް ބެޑްމިންޓަން ޗެލްންޖު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއީ މާލެއިން ބޭރުގައި ބާއްވާ އެންމެ ފޯރިގަދަ ބެޑްމިންޓަން މުބާރާތައް ހެދުމަށް މަސައްކަތްކުރާއިރު، މި އަހަރުގެ މުބާރާތް މި މަހުގެ 8 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބެންޔަންސް އެސޯސިއޭޝަން ފޯރ އޯލް (ބާފާ)ގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރު ޤައުމީ ފެންވަރުގެ ހަތަރު ކުޅުންތެރިއަކު މުބާރާތުން ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރިހި މެޑަލް ހޯދި ޝުބާ މުޙައްމަދު ޝަރީފް ވެސް ހިމެނެއެވެ.
އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ހިމެނޭ މި މުބާރާތުގެ ގުރުއަތުލުން ވަނީ ރޭ ކުރިޔަށް ގެންގޮސްފައެވެ. ފިރިހެން ޑިވިޝަނުގައި 4 ޓީމު އަދި އަންހެން ޑިވިޝަނުގައި 3 ޓީމު ބައިވެރިވެފައިވާއިރު، ދެ ޑިވިޝަނުން ވެސް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރު ފައިނަލްގައި ކުޅުނު ޓީމުތަކެވެ.
އެގޮތުން ފިރިހެން ޑިވިޝަން ފަށާ މެޗުގައި ބައްދަލު ކުރާނީ ފެނަކަ އާއި މޭނާ ސްކޫލެވެ. މިއީ ފާއިތުވި ތިން މުބާރާތުގައި ވެސް ،ފައިނަލުގައި ކުޅެފައިވާ ދެ ޓީމެވެ.
އަންހެން ޑިވިޝަނުގައި މޭނާ ސްކޫލް މި ފަހަރު ނިކުންނަނީ ޖެހިޖެހިގެން ތިން ތަށި ހޯދުމުގެ އަޒުމުގައެވެ. އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މޭނާ ސްކޫލާ ދެކޮޅަށް ނިކުންނާނީ ހޮޅުދޫ ކައުންސިލްގެ ޓީމެވެ.
މި ފަހަރުގެ ފިރިހެން ޑިވިޝަނުގައި ގައުމީ ލެވެލްގެ 3 ކުޅުންތެރިން ފެންނާނެއެވެ. އޭގެ ތެރެއިން އަޖުފާން އާއި، ގައުމީ ލެވެލްގައި ކުޅެފައިވާ ނަޝީއު ޝަރަފުއްދީން ފެންނާނީ ފެނަކަ ޓީމުންނެވެ. އަދި ގައުމީ ލެވެލްގައި ކުޅެމުން އަންނަ އިބްރާހިމް ޒަޔާން ފެންނާނީ ކައުންސިލް ޓީމުންނެވެ.
އަންހެން ޑިވިޝަނުގައި، މުބާރާތުގެ ތާރީޙު ލިޔުމަށް ނިކުންނަ މޭނާ ސްކޫލް ޓީމުން ޝުބާ ފެންނާނެއެވެ. ޝުބާއަކީ ބީއެމްއެލްގެ ސްކޮލަޝިޕެއްގައި 2023 ވަނަ އަހަރު އިންޑިއާގައި ތަމްރީނުތައް ވެސް ހަދާފައިވާ ކުޅުންތެރިއެކެވެ. އަދި އޭގެ ފަހުން އައިއޯއައިޖީ 2023 ގައި ޓީމް އިވެންޓުން އޭނާ ވަނީ ރިހި މެޑަލް ހޯދާފައެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޮޅުދޫ ސްޕޯޓްސް ސެންޓަރުގައެވެ. އަދި މުބާރާތް ބޭއްވުމުގައި ބާފާއާއެކު ހަރަކާތްތެރި ވަނީ ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމެޓީއެވެ.
މި އަހަރުގެ މި ބެޑްމިންޓަން ޓޯނަމެންޓަކީ ބާފާގެ 17 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ޙާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.