ކުޅިވަރު
އުފާފާޅުކުރުންތައް ކުރިމަތީގައި އޮއްވައި ލިވަޕޫލް ސަޕޯޓަރުންނަށް ހިތާމަވެރި ޚަބަރެއް

އެލެކްސެންޑަރ އާނޯލްޑް، ފޮތޯ: ގެޓީ އިމޭޖަސް
ވިހި ވަނަ ފަހަރަށް އިންގްލިޝް ޕްރިމިއާރ ލީގު ޔަގީންކުރުމަށްފަހު އުފާފާޅުކުރުންތައް ކުރިމަތީގައި އޮއްވައި ލިވަޕޫލް ސަޕޯޓަރުންނަށް ހިތާމަވެރި ޚަބަރަކާއި ކުރިމަތިލާންޖެހިއްޖެއެވެ.
މި ސީޒަނަށްފަހު، ލިވަޕޫލްގެ ކަނާތްފަރާތުން ފަހަތަށް ކުޅެމުން އަންނަ ޓްރެންޓް އެލެކްސެންޑަރ އާނޯލްޑް އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަމަށް އިއްޔެ މެންދުރުފަހު ހާމަކުރުމާއެކު، ލިވަޕޫލްއަށް ތާއީދުކުރާ ގިނަ ބަޔަކަށް ގެނުވީ ބޮޑު މާޔޫސް ކަމެކެވެ. މިކަމުގެ ޚަބަރު އެކިގޮތްތައް މީޑިއާތަކުގައި ފާއިތުވި ދުވަސްތަކުގައި ފެތުރިފައިވީނަމަވެސް، މިއީ އާނޯލްޑް މިކަމާ ބެހޭ ގޮތުން ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.
ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަމަށް ބުނެ އާންމުކުރި ވީޑިއޯގައި އޭނާ ދެން ދަނީ ކޮން ކްލަބަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާނޯލްޑް ބޭނުންވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށްކަން އެއީ އެންމެނަށް އެނގޭ ސިއްރެކެވެ.
ލިވަޕޫލްއާއެކު އަށްވަނަ ސީޒަން ކުޅެމުންދާއިރު، އޭނާ ވަނީ ޔާގެން ކްލޮޕް އަދި އާނޭ ސްލޮޓްގެ ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިހާތަނަށް އޭނާ ކުޅެފައިވާ 352 މެޗުގެ ތެރެއިން 234 މެޗުން ލިވަޕޫލް މޮޅުވެފައިވެއެވެ. މި މުއްދަތުގައި 23 ގޯލު ކާމިޔާބުކޮށް، 86 އެސިސްޓުކޮށްދީފައި ވެއެވެ. މީގެ އިތުރުން، 2 ޕްރިމިއަރ ލީގާއި، އެފްއޭ ކަޕަކާއި، ދެ ލީގު ކަޕާއި، ފީފާ ކްލަބް ވޯލްޑް ކަޕް އަދި ޔޫއެފާ ސުޕަ ކަޕް އޭނާ ވަނީ ލިވަޕޫލްއާއެކު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ލީގުގައި ވެސް އާނޯލްޑް ވަނީ އަމިއްލަ ގޮތުން ބޮޑު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާއަކީ ޕްރިމިއަރ ލީގުގައި އެންމެ ގިނަ އެސިސްޓު ހަދާފައިވާ ޑިފެންޑަރެވެ. މިހާތަނަށް 64 އެސިސްޓު ހަދާފައިވެއެވެ. އަދި އާނޯލްޑް ކުޅެން ފެށި ފަހުން އެންމެ ގިނަ ޗާންސް އުފައްދައިދިން ޑިފެންޑަރަކީ ވެސް އޭނާއެވެ.
ލިވަޕޫލް ދޫކޮށް އާނޯލްޑް ދާނީ، ސީދާ އެ ކްލަބުން އުފެދުނު އެންމެ މޮޅު އެއް ހުނަރުގެ ގޮތުގައި، އެކަޑަމީއިން ފެށިގެން އެ ކްލަބުގައި 20 އަހަރު ހޭދަކުރުމަށްފަހުއެވެ.