Ads by Aqeeqa Maldives

ޚަބަރު

ޕިކަޕަކުން ބޭލި ކަޅު ދަބަސްތަކަކުން ޤަވާއިދާ ޚިލާފަށް އެތެރެކުރިކަމަށް ބެލެވޭ ގިނަ ސިނގިރޭޓު ކާޓޫނުތަކެއް

ޕިކަޕަކުން ބޭލި ކަޅު ދަބަސްތަކަކުން ޤަވާއިދާ ޚިލާފަށް އެތެރެކުރިކަމަށް ބެލެވޭ ގިނަ ސިނގިރޭޓު ކާޓޫނުތަކެއް

ޕިކަޕަކުން މަގުމަތީގައި ބަހައްޓާފައި ދިޔަ ސިނގިރޭޓު ކާޓޫނުތައް، ފޮޓޯ: ޕޮލިސް

06 މޭ 2025، 06:28

މާލޭގެ މަގެއްގެ މައްޗަށް ޕިކަޕަކުން ބޭލި ކަޅު ދަބަސްތަކަކުން ޤަވާއިދާ ޚިލާފަށް އެތެރެކުރިކަމަށް ބެލެވޭ ގިނަ ސިނގިރޭޓު ކާޓޫނުތަކެއް ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. 

ރޭ ހިނގި މި ހާދިސާގައި ސިގިރޭޓު ކާޓޫނުތައް ފެނުނު ކަޅު ތިން ދަބަސް ފެނުނީ ބޮޑުރަސްގެފާނު މަގުންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި ދަބަސްތައް ބޭލި ޕިކަޕު ވަނީ، އެ ދަބަސްތައް ބޭލުމަށްފަހު ފިލާފައިކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

ދަބަސްތައް ދޫކޮށްލާފައި ދިއުމުން، މިކަމުގެ ހަޤީޤަތެއް ބެލުމުން ފުލުހުންގެ ތަޙުޤީޤެއް ފެށިއެވެ. އަދި ފުލުހުންގެ އިންސްޕެކްޝަނުން އެ ދަބަސްތަކުގައި 221 ކާޓޫނު ސިނގިރޭޓު ހުރިކަން އެނގުނުކަމަށް ވެސް ފުލުހުން ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފައެވެ. އަދި މިއީ ރާއްޖެއަށް ޤަވާއިދާ ޚިލާފަށް އެތެރެކުރިކަމަށް ބެލެވޭ ތަކެތިކަމަށް ޤަބޫލުކުރެވޭކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.



މި މައްސަލައާ ގުޅިގެން ބަނގުލަދޭޝްއަށް ނިސްބަތްވާ ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް މި މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނީ ޞިއްޙަތާބެހޭ ވުޒާރާއިން ދޫކުރާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓްކުރުމުގެ ލައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ދާދިފަހުންވަނީ ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ދެ ބޮންޑެޑް ވެއަރ ހައުސްއަކުން ގަވާއިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަޙްޤީގުކޮށް އެ ދެ ވެއަރހައުސްގެ ރަޖިސްޓްރީ ވަނީ ބާޠިލްކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ މުދަލަށް ބޮންޑެޑްވެއަރހައުސް އިން ކަސްޓަމްސް އަށް ދައްކަންޖެހޭ ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި އެދެ މައްސަލަވެސްވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS