ކުޅިވަރު
ހޭންޑްބޯލް ކޮމިއުނިޓީން އެންމެ ބޭނުންވި އިންޑޯ ކޯޓުގެ މަސައްކަތް ފަށައިފި

ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢު ---
ހޭންޑްބޯޅަ ކުޅުމަށް އިންޑޯ ކޯޓެއް ނެތުމުގެ ސަބަބުން ހޭންޑްބޯލް ކޮމިއުނިޓީން އެންމެ ބޭނުންވި އިންޑޯ ކޯޓުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މި އަހަރު ނިމޭއިރު ކޯޓު ބޭނުން ކުރެވޭވަރު ވާނެކަމަށެވެ.
މިކަމާ ގުޅޭ މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އިންޑޯ ކޯޓު ހެދުމަށް ބޭނުންވާ ސާމާނު ކުރިޔަށް އޮތް ދެ ހަފްތާތެރޭ ރާއްޖެ ގެނެސް ނިމޭނެ ކަމަށެވެ. އަދި އެކަމަށް ހޭދަވާ ފައިސާގެ ތެރެއިން މިނިސްޓްރީން ހަމަޖައްސަންޖެހޭ ބައި މިހާރު ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭގައި އޮންނަނީ ހަމައެކަނި އައުޓްޑޯ ކޯޓެއް ކަމުން، ފާއިތުވި އަހަރުތަކުގައި މުބާރާތްތައް ދިގުލައި ގޮސް، އެކަމުގެ ސަބަބުން ކްލަބްތަކުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެގެންދާކަމަށް ވަޒީރު ހާމަކުރެއްވެވިއެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ހޭންޑްބޯލް އިންޑޯ ކޯޓުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، ކުރިޔަށް އޮތް ހަފްތާގައި ބުޑުތައް އަޅަން ފަށާނެކަމަށެވެ. އަދި ކޯޓުގެ ފްލޯރގައި ބޭނުންކުރާ މެޓީރިއަލް ތަފާތުވުމުން، މި ކޯޓާއެކު އެފަދަ ކަންކަމަށް ހޭނެން ވެސް ވަގުތު ނަގާނެކަމަށް މުޖޭ ވިދާޅުވިއެވެ.
މިހާރު ބޭނުންކުރާ ހޭންޑްބޯޅަ ކޯޓަކީ 2021 ވަނަ އަހަރު އެޅި ކޯޓެކެވެ. އެތަން ހިޔާ ނުކޮށް އޮތުމުގެ ސަބަބުން ވިއްސާރަ އާއި އަވީގެ ސަބަބުން މެޗުތައް ކުރިޔަށް ގެންދިއުމަށް ދަތިވާ ވާހަކައަކީ އަބަދުވެސް ހޭންޑްބޯޅަ ކޮމިއުނިޓީން ފާހަގަ ކުރަމުން އައި ކަމެކެވެ.