ޚަބަރު
މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސިމްޑީ ގްރޫޕާއި ހަޔާރ އެޑިއުކޭޝަނުން އެއްބަސްވުމަކަށް

ސިމްޑީ ގްރޫޕާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: މިނިސްޓްރީ
ދަރިވަރުންނަށާއި، މަސައްކަތްތެރިންނަށް ފަޒީފާއާއި ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮށްދިނުމުގެ މަޤުސަދުގައި، ސިމްޑީ ގްރޫޕާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއީ މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމުގެ ގޮތުން ތަމްރީނުތަށް ހިންގުމަށް އަމާޒުކޮށް ވެވުނު އެއްބަސްވުމެކެވެ.
އިއްޔެ ސޮއިކުރެވުނު މި އެއްބަސްވުން ކުރިޔަށް ގެންދާނީ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އެހީއާއެކު، ނޭޝަނަލް ކެރިއަރސް ސާރވިސް (އެންސީއެސް) މެދުވެރިވެގެންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން، ކެރިއަރ ގައިޑަންސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމާއި، މަސައްކަތްތެރިން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި ތައްޔާރުކުރުމަށް ސިމްޑީ ގްރޫޕްގެ ދަށުން ހިންގާ އޮފީސްތަކާއި، ވިޔަފާރި އައުޓްލެޓްތަކުގައި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް ފުރުޞަތުތައް ފަހިކޮށްދިނުމާއި، އެކަށީގެންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އެހީތެރިވެދިނުމާއި، ވަޒީފާގެ މާހައުލުގައި ރަނގަޅު ކުރެވިދާނެކަންތައްތައް ފާހަގަކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރަން ބާރުއެޅުމަށް ޚާއްޞަކަން ދިނުމަށް ވަނީ އެއްބަސްވެފައެވެ.