ކުޅިވަރު

ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ޗެލްސީއިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމާ ގާތަށް

ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ޗެލްސީއިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމާ ގާތަށް

ޗެލްސީއިން ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: ޕްރިމިއަރ ލީގު

05 މޭ 2025، 08:59

އިނގިރޭސި ޕްރިމިއަރ ލީގު މިހާރު ޔަގީންކޮށްފައިވާ ލިވަޕޫލް ބަލިކުރުމަށްފަހު ޗެލްސީއިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމާ ގާތަށްޖެހިލައިފިއެވެ.

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗު ޗެލްސީ ކާމިޔާބުކުރީ 3-1 އިންނެވެ. ލިވަޕޫލްގެ ފަހަތުން ހެދުނު ގޯސްތަކަކާ ގުޅިގެން އެ ޓީމަށް މެޗު ގެއްލުނުއިރު، މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ މިހާރު އޮތީ ލީގުގެ ފަސް ވަނައިގައެވެ. އަދި މިއަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފަސް ޖާގަ ޕްރިމިއަރ ލީގަށް ލިބިފައިވުމުން، ޗެލްސީއަށް މި މަގާމުގައި ހިފަހައްޓާލެވިއްޖެނަމަ އެ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެއެވެ. 

ލިވަޕޫލް އާއި އާސެނަލްއަށްފަހު ޗެލްސީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ޖާގަތަކަށް އެންމެ ކައިރިން ވާދަކުރަނީ މެންޗެސްޓާރ ސިޓީ، ނިކުކާސްލް ޔުނައިޓެޑް، ނޮޓިންހަމް ފޮރެސްޓް އަދި އެސްޓަން ވިލާއެވެ.

ރޭގެ މެޗުގައި ޗެލްސީއިން ލީޑު ނެގީ މެޗުގެ ކުރީކޮޅެވެ. ތިން ވަނަ މިނެޓުގައި އަރިމަތިން ޕެޑްރޯ ނެޓޯ ނަގައިދިން ބޯޅަ ހަމަޖެހިލާފައި ގޯލަށް ފޮނުވާލީ އެންޒޯ ފެނާންޑޭޒްއެވެ.

ދެވަނަ ހާފުގައި ޗެލްސީއަށް ލީޑު ފުޅާކުރެވުނީ، އެ ޓީމުން އުފެއްދި ހަމަލާއެއް ސާފުކޮށްލުމަށް ވާރޖިލް ވެން ޑައިކް މަސައްކަތްކުރުމުން، އެ ޓީމުގެ ޖަރެލް ކުއަންސާ ގައިގަ ޖެހުމަށްފަހު ގޯލުގެ ތެރެއަށް ވަނުމުންނެވެ. 

ލިވަޕޫލްއިން މި މެޗުގައި ޖެހި ހަމައެކަނި ގޯލަކީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ވެން ޑައިކް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ގޯލެކެވެ. 

ޗެލްސީއިން މެޗު ޔަގީން ކުރީ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ކޯލް ޕާރމާ ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ. މިއީ ލިވަޕޫލްގެ ޑޮމިނިކް ސޮބޯޒްލައި ފަހަތަށް ކުޅެލި ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި ކުއަންސާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS