ކުޅިވަރު

ކޭންގެ ފުޓުބޯޅަ ކެރިއަރުގައި ނުވެ އޮތް ކަންތައް ނިމުމަކަށް ގެނަސް ފުރަތަމަ ޓްރޮފީ ޔަގީންކޮށްފި

ކޭންގެ ފުޓުބޯޅަ ކެރިއަރުގައި ނުވެ އޮތް ކަންތައް ނިމުމަކަށް ގެނަސް ފުރަތަމަ ޓްރޮފީ ޔަގީންކޮށްފި

ހެރީ ކޭން، ފޮޓޯ: ގެޓީ އިމޭޖަސް

05 މޭ 2025، 08:35

ޖަރުމަނުވިލާތުގެ ބެޔާން މިއުނިކަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކެޕްޓަން، ހެރީ ކޭން އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ފުރަތަމަ ޓްރޮފީ ޔަގީންކޮށްފިއެވެ.

ބެޔާން މިއުނިކަކީ ތައްޓާ ގާތް ކްލަބެއް ނަމަވެސް ކޭން ބަދަލުވުމަށްފަހު އެ ޓީމާއެކު އޭނާ ކުޅުނު ފުރަތަމަ ސީޒަނުގައި އެއްވެސް ޓްރޮފީއެއް ހާސިލެއް ނުކުރެވުނެވެ. ބެޔާންއިން ޖެހިޖެހިގެން 11 ސީޒަނުގައި ލީގު ކާމިޔާބުކޮށްފައިވީނަމަވެސް، ކޭންގެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ލީގު ވެސް ގެއްލުނެވެ.

އަދި އިއްޔެ ބެޔާ ލެވަކޫސެން އާއި ފްރެއިބާރގް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމުން، ބާކީ ދެ މެޗު އޮއްވައި ބެޔާންއަށް މިހާރު ވަނީ ލީގު ކަށަވަރުވެފައެވެ. މިއީ 13 ސީޒަންގެ ތެރޭގައި ބެޔާންއިން ލީގު ކާމިޔާބުކުރާ 12 ވަނަ ފަހަރެވެ.

މިއީ ކޭންގެ ފުރަތަމަ ޓްރޮފީ ނަމަވެސް ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެން ފެށިތާ 15 އަހަރުވެފައިވާއިރު، ބޮޑެތި މުބާރާތްތައް ކާމިޔާބު ކުރުމަށް ރަގަޅު ފުރުސަތުތައް އޭނާ ހޯދާފައިވެއެވެ. ނަމަވެސް އޭގެން އެއްވެސް ފަހަރަކު މިހާތަނަށް އޭނާ ކުޅުނު ޓީމުތަކަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން ޓޮޓެންހަމް ހޮޓްސްޕާގެ ޖާޒީގައި 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވުން ހިމެނެއެވެ. އަދި އިނގިރޭސި ގައުމީ ޓީމާއެކު ޔޫރޯ 2021 އަދި 2024 ގެ ފައިނަލުން ވެސް ކޭންއަށް ލިބުނީ ނާކާމިޔާބީއެވެ.

ޓޮޓެންހަމްގެ އެކަޑަމީއިން ސީނިއަރ ޓީމަށް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބުނީ 2010 ގައެވެ. އޭގެ ފަހުން އާނާއަކީ އެ ޓީމުގެ ފަހުރެކެވެ. އެގޮތުން 435 މެޗުން 280 ގޯލު ކާމިޔާބުކޮށް ސްޕާސްގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާގެ ލަގަބު އޭނާގެ އަތުގައި އޮންނައިރު، އޭނާއަކީ ޕްރިމިއަރ ލީގުގައި އަލަން ޝިއަރާރއަށްފަހު ދެވަނައަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ނަމަވެސް ޕްރިމިއަރ ލީގުގައި ތިން ރަން ބޫޓު ފިޔަވާ އިތުރު ޓްރޮފީއެއް އޭނާއަށް ހާސިލްކުރެވިފައެއް ނުވެއެވެ. 

އެކަމަކު އެންމެ ފަހުން އެކަން ނިމުމަކަށް ގެނަސް، ކޭން މިވަނީ ބުންޑަސް ލީގާ ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS